ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހާ މޭރުމަކުން މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒު މިއަދުގެ މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ވާހަކަދެއްކެވުމުން ޖެންޑާ މިނިސްޓްރީން އެކަން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޙާތަބްކޮށް ދަށު ދަރަޖއިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ،

މީގެ އިތުރުން ޖެންޑާއިން ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރުގެ މިޢަމަލަކީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، ޢާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސައެހީތެރިކަމާއި ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ޙައްޤު ގެއްލިގެންދިޔަ އަމަލެއް ކަމަށެވެ.

އަދި އެ އަމަލަކީ ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާ މާއްދާއަށް ފެތޭ އަމަލެއް ނޫން ކަމަށް ވެސް ޖެންޑާއިން ވަނީ ހާމަކޮށްފައެވެ.

"އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް މިނިސްޓްރީ އިލްތިމާސްކުރަން" ކައުންސިލަރގެ ވާހަކަތައް ކުށްވެރިކުރައްވާ ޖެންޑާއިން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 36 އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރަމީޒް ވިދާޅުވީ ބައެއް މިނިސްޓްރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ (އޯޓިސްޓިކް) ކުދިން އެބަތިބި ކަމަށާއި، އެކަމާ މެދު ހައިރާންވެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހައިރާނެއް ނުވޭ ބައެއް މިނިސްޓްރީގައި އެބަތިބި އޯޓިސްޓިކް ކުދިން. އަކްރަމް ކަމާލުއްދީން އަކީ އޭގެ (އޯޓިސްޓިކް) ކުއްޖެއް ކަމަށް އަޅުގަނޑު މި ބަލަނީ" ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ފާޑުކިޔަމުން ރަމީޒް ވިދާޅުވިއެވެ.

"އޯޓިސްޓިކް" ކުދިންނަށް ހަޖޫ ޖަހާ މޭރުމުން ރަމީޒް ވާހަކަ ދެއްކެވުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ރަމީޒްގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

އޭގެ ފަހުން ކައުންސިލަރ ރަމީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަށްޓަކައި މައާފަށް ވެސް އެދިފައެވެ. އަދި އެފަދަ މޭރުމަކުން ވާހަކަދެއްކީ އެއްވެސް ހާލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޑައިމީސްކޮށް ނޫން ކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކޮރަލް

  ޖެންޑަރ އަކީ ފިރިހެނުންގެ ހައްގުތައް ހޯދަ ދޭން އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫނެވެ. ކުރާ ކަމަކީ ފާޑު ކިއުމެވެ.

  15
 2. ލުޓޭރުންގެ ސަރުކާރު

  އަ ވަހޭދޯ ޖެންޑާރ ހޭލިގޮތް..ރޔާމީގެ މަންމަ ނިސްބަތްކޮށް ހުތުރުބަސްގޮ ވީމަ އަޑެނީ ވުނު.. ރަމީޒު ނުބުނޭ ކަޑައެޅިގެން އޯޓިޒަމް ކުދިންނަ ބަހެއް..އަކުރަމް ކަމާލުއްދީނަށް ނިސްބަތްކުރި ބަހެއް އެއީ...ބޮޑުކޮއްލައިގެން ވަގުތުގަވެސް ސުރުޙީ އަޅައިގެންއުޅެނީ..

  17
 3. ދަންނަ ނުދަންނަ

  ޢެއްވެސް ޝައްކެތްނެތް ގޮތުގައި ސަލާމަތުންހުރި މީހަކާއި ދިމާލަށް އެފަދަ މޭރުމަކުން ވާހަކަ ދައްކާނީ އެހެންބުނާމީހާއަކީ އެފަދަމީހެއްކަމަށް ގަބޫލުކުރެވޭތީ.

  1
  9
 4. ރަން ރީނދޫ

  ކުރާނެ މަސައްކަތެއް ނެތިގެން ވިއްޔާ މިނިސްޓަރު އުޅެނީ.ދެން ރަނގަޅުވާނީ ކޮންމެވެސް އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޓުވީޓް ކޮއްލަކޮއްލާ އިނުން.

  12