ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލައިގައި "ސްކައިޕް" މެދުވެރިކޮށް އޭނާގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގުމާއެކު ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ދިފާއުން ހުށަހަޅައި މިހާތަނަށް ހެކިބަސް ނަގާފައި ނުވާ ހެކިވެރިންގެ ހެކިބަސް ނަގަން ބޭނުން ނޫން ކަމަށް ދައުވާ ލިބޭ ފަރާތްތަކުން ޝަރީއަތުގައި ބުނެފިއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި "ސްކައިޕް" މެދުވެރިކޮށް ހެކިބަސް ދެމުން ރިލްވާންގެ ބޭބެ މޫސާ ރިލްވާން ބުނީ، އަޙްމަދު ރިލްވާނަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ކަމަށާއި، ރިލްވާން ދިރިއުޅެނީ ހުޅުމާލޭގައި ހުންނަ އެޕާޓްމެންޓެއްގައިކަން އެނގުނު ނަމަވެސް ދުވަހަކުވެސް އެ އެޕާޓްމަންޓަށް ގޮސްފައި ނުވާނެ ކަމަށް އަދި މި މައްސަލައިގައި ދައުލަތުން ތުހުމަތުކުރާ ރަތް ކުލައިގެ ކާރަށް އަރާފައިވެސް ނުވާނެ ކަމަށެވެ.

"މާލޭގައި އަޅުގަނޑު އުޅެނީ ސައިކަލުގައި، އެއްގޮތަކަށްވެސް ކާރުގައި ދަތުރުކޮށް ނޫޅެން. (ދައުލަތުން ސްކައިޕް މެދުވެރިކޮށް ކާރުގެ ފޮޓޯތަށް ދެއްކުމުން) ތި ކާރު އަޅުގަނޑު ނުވެސް ދެކެން އަދި ތި ކާރަށް އަރާފައެއްވެސް ނުވާނެ" ސްކައިޕް މެދުވެރިކޮށް ހެކިބަސް ދެމުން އަޙްމަދު ރިލްވާންގެ ބޭބެ މޫސާ ރިލްވާން ބުންޏެވެ.

މި މައްސަލައިގައި ދައުވާ ލިބޭ އަޙްމަދު އާލިފް ރައޫފް އާއި، މުޙައްމަދު ނޫރައްދީން މިއަދުގެ ޝަރީއަތުގައި ބުނީ މޫސާ ރިލްވާން އާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތަށް އަދި މިއަދުގެ ޝަރީއަތަށްވެސް ދިފާއީ ވަކީލު ހާޒިރުވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން ދިފާއީ ހެކި ހާޒިރު ކުރުމާމެދު ދެކޭގޮތް އެއްސެވުމުން އަޙްމަދު އާލިފް ރައޫފް ބުނީ، ދިފާއީ ހެކީގެ ގޮތުގައި ހުށާހަޅާފައިވާ ފަރާތް ހާޒިރުކޮށް ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ. އަދި ދައުވާ ލިބޭ މުޙައްމަދު ނޫރައްދީން ބުނީ ދިފާއީ ހެކިންގެ ތެރެއިން ދެ ހެކިވެރިޔަކު މީގެ ކުރިން ހާޒިރުކޮށް ހެކިބަސް ނަގާފައިވާ ކަމަށާއި، ބާކީ ހުރި ހެކިވެރިޔާ ހާޒިރުކޮށް ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

މި އަޑު އެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންތޯ ގާޒީ ސުވާލު ދެންނެވުމުން ދައުވާ ލިބޭ ދެ ފަރާތުން އަދި ދައުލަތުގެ ވަކީލުން ވިދާޅުވީ ކިތާބީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވަނީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ހެކިބަސް ނަގަންޖެހޭ އެންމެހާ ފަރާތްތަކުގެ ހެކިބަސް ނަގާ ނިމިފައިވާތީ، ދެން އޮންނާނީ ކިތާބީ ހެއްކާ މެދު ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބޭ ގޮތަށް ހުލާސާ ބަޔާން އިއްވުން ކަމަށާއި، އެކަމަށްޓަކައި ބާއްވާ މަޖިލިސް ބާއްވާނީ ހަފްތާއެއް ފަހުން ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުނު މައްސަލައަށް ހަތަރު އަހަރު ވާން ގާތްވެފައިވާއިރު، މި މައްސަލައިގައޮ ދައުލަތުން ދައުވާކުރާ އަޙްމަދު އާލިފް ރައޫފް އާއި، މުޙައްމަދު ނޫރައްދީން އާ ދެކޮޅަށް ދައުލަތަށް ހުށަހެޅި ހެކިބަސް ލިބިފައިވަނީ، ރިލްވާން ގެއްލުނު ރޭ ރިލްވާން ދިރިއުޅުނު ގެ ކައިރިން ފެނުނުކަމަށް އަދި ރިލްވާން ދަގަކަމުން އެރުވިކަމަށް ދައުލަތުން ތުހުމަތުކުރާ ރަތް ކާރުން ފެނިފައިވާ އިސްތައްޓެކެވެ. ނަމަވެސް އެ އިސްތަށި ފިޔަވާ އިތުރު ސާފު ހެކިތަކެއް ދައުލަތަށްވެސް މި މައްސަލައިގައި ދެއްކިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    ރިޒްވާނަށް ވީގޮތް އެގެނީ ނަސިދަށް ހެދިބަޔަކު ހެދިގޮތެއްހެދީނަސީދު ބުނެގެން ނަސީދު ގެ ދިފާއުގަ މިނިވަންނޫހަށް ނަސީދު ދިން އިނޓަވިއު އަކާގުޅިގެން.