ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރަންވަނައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ކަށަވަރުވެގެން މިދިޔަ ހައްގަކީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުވެގެންދިޔަ ވަރަށް ބޮޑު ހައްގެއްކެވެ.

ކޮންމެ އަހަރަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ފޯރުކޮށްދޭ އިދާރާއަކަށް ދެވޭ އެވޯޑެކެވެ. ވޭތުވެ ދިޔަ ދެ އަހަރުވެސް އެ އެވޯޑު ހޯދާފައިވަނީ އޭސީސީންނެވެ.

މިދިޔަ އަހަރު "ރަންވަނަ" އޭސީސީ ހޯދާފައިވާއިރު، އެމުއައްސަސާއަކީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހުށަހެޅެމުން އަންނަ އެއް މުއައްސަސާއެވެ.

އެކޮމިޝަނުން ބުނީ އެ އެވޯޑަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ފޯމު ފުރުއްވައި މިމަހު 16 ވަނަ ދުވަހުގެ ދޭޖެހުމުގެ ކުރިން ހުށަހެޅުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.

މި އެވޯޑަކީ ދައުލަތުގެ އިދާރާތަކުން ގާނޫނުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސް ގޮތުގައި ފަހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފ

    ޚަރަދު ކޮއްގެން ތިޔަ އެވޯޑްތައް ނުބާއްވާށޭ ބުނިބުނިހެން މި އަޒީ ހީވަނީ އެންގަނޑަކަށް ޖަހައިގެން އުޅޭހެން.