ކޮވިޑް ޖެހުނު ތެލެސީމިއާ ޒުވާނަކަށް ފަރުވާ ނުދެވި 14 ގަޑިއިރު ހޭދަވި ކަމަށް ބުނެ އާއިލާ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

33 އަހަރުގެ ތެލެސީމިއާ ޒުވާނާގެ ބައްޕަ އަހުމަދު ސަލީމް (މާޒް ސަލީމް) "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅު ހުން އައިސްގެން ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ހޯމަ ދުވަހުގެ ފަތިހު ކަމަށެވެ. "ޓްރީޓޮޕް އަށް ގެންދިޔައީ ޑެންގޫ އަށް ޝައްކު ކުރެވިގެން. ޓްރީޓޮޕް އިން ކޮވިޑަށް ޓެސްޓް ކުރުމުން ފަތިހު 05:30 ކަންހާއިރު އެނގުނީ ކޮވިޑަށް ޕޮޒިޓިވް ކަން. އެހިސާބުން ޓްރީޓޮޕް އިން ބުނެފި ކޮވިޑް ފެސިލިޓީއަށޭ ގެންދަން ޖެހޭނީ. ފެސިލިޓީ އަށް އަންގައިފީމޭ. ދެން ފެސިލިޓީން ބުނަނީ ދަރިފުޅު ބަލައި ވެހިކަލް އެބަދެއޭ. ވެހިކަލް މިފޮނުވަނީއޭ މިފޮނުވަނީއޭ ބުނެ ބުނެ، ވެހިކަލެއް ނައިސްގެން ފެސިލިޓީއަށް ނުގެންދެވި ހަގަޑިއިރުވި." ސަލީމް ބުންޏެވެ.

މާޒް ސަލީމް ބުނީ ވެހިކަލެއް ނުލިބިގެން އެތައް އިދާރާއަކާއި އެތައް ބޭފުޅުންނަކަށް ގުޅައިގެން ވެހިކަލެއް ލިބިގެން ކޮވިޑް ފެސިލިޓީއަށް ގެންދެވުނީ މެންދުރުފަހު އެކެއް ޖެހިއިރު ކަމަށެވެ. "އެހުރިހާ އިރު ޓްރީޓޮޕްގައި އޮތީ ފަރުވާއެއް ނުދެވި. ޓްރީޓޮޕް އަކީ ކޮވިޑް ފެސިލިޓީއަކަށް ނުވާތީ. ކޮވިޑް ފެސިލިޓީ ޓްރީޓޮޕް އާއި އެހައި ކައިރީގައި ހުރިއިރު ވެސް އެތަނަށް ބަލިމީހާ ނުގެންދެވުނީ ކޮވިޑް ފެސިލިޓީގެ ވެހިކަލެއްގައި ނޫން ގޮތަކަށް ބަލި މީހާ ގެންދިއުމުގެ ހުއްދަ ނެތުމުން." ސަލީމް ބުންޏެވެ.

ސަލީމް ބުނީ ކޮވިޑް ފެސިލިޓީއަށް ގެންދެވުނު ނަމަވެސް ދަރިފުޅަށް ފަރުވާ ދޭން ނުފެށި ކަމަށެވެ. "އަޅުގަނޑުމެންނަށް ފޯނުން ދަރިފުޅާއި ވާހަކަ ދެއްކުނީ. އެއްވެސް ފަރުވާއެއް ނުދޭކަން އެނގިގެން އަޅުގަނޑު ގުޅިން ހުރިހާ އިދާރާއަކަށް. ނައިބު ރައީސް އަށް ގުޅިން. ހެލްތު މިނިސްޓަރަށް ގުޅިން. ކޮވިޑް ފެސިލިޓީ އާއި ހަވާލުވެ ހުންނެވި މާރިޔާ ކިޔާ ބޭފުޅަކަށް ގުޅިން. އެވަރުން ވެސް ފަރުވާ ދޭން ނުފެށި. އެންމެ ފަހުން އެޗްއާރްސީއެމް އަށް ވެސް މައްސަލަ ހުށަހެޅިން." ސަލީމް ބުންޏެވެ.

ސަލީމް ބުނީ އެތައް މަސައްކަތެއް ކޮށްގެން އެންމެ ފަހުން ދަރިފުޅަށް ފަރުވާ ދިނުމުގެ މަސައްކަތް ކޮވިޑް ފެސިލިޓީން ފެށީ އެރޭ ހަތެއް ޖެހި ފަހުން ކަމަށެވެ. ޑެންގޫ އަށް ޓެސްޓް ކުުރުމަށް އެރޭ ފުރަތަމަ ނެގި ލޭ ވެހިކަލެއް ނުލިބިގެން އައިޖީއެމްއެޗަށް ނުގެންދެވި ހަތަރު ވަރަކަށް ގަޑިއިރު ވިކަމަށާއި އެކަމުގެ ސަބަބުން ފުރަތަމަ ނެގި ލޭ ޓެސްޓް ވެސް ނުކުރެވުނު ކަމަށް ސަލީމް ބުންޏެވެ.

"ފަރުވާ ދެވެން ފެށުނީ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނުތާ 14 ވަރަކަށް ގަޑިއިރު ފަހުން. ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހުން ވަރަށް ރަނގަޅު. ދިމާވެގެން މިއުޅޭ މައްސަލަ އަކީ މެނޭޖް ކުރުމުގެ މައްސަލައެއް. އެތަނާއި ހަވާލުވެ އެންމެ އިސްކޮށް ހުންނަ ބޭފުޅާ ވެސް އެތަނުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވަނީ ފޯނުން ގުޅުއްވައިގެން. ދެން ކޮވިޑް ފެސިލިޓީއަށް ވެހިކަލެއް ނުލިބިގެން ދޮޅު އަހަރު މިދިޔައީ. މިއީ ކަންކަން ވެގެން ވާނެ ގޮތެއް ނޫން." ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ދަރިފުޅަށް ކޮވިޑް ފެސިލިޓީން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ސަލީމް ބުނީ މިހާރު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

ސަލީމް ވިދާޅުވީ ކޮވިޑް ފެސިލިޓީއެއް ނޫން ނަމަވެސް އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދާ ބަލި މީހުންނަށް ވެސް ފަރުވާ ދެވޭނެ ގޮތްތަކެއް ހުންނަން ޖެހޭ ކަމަށެވެ. "މާބަނޑު މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު ކޮވިޑަށް ޕޮޒިޓިވް ވުމުން ފަރުވާ ނުދެވި ބޭރުކޮށްލި ޚަބަރެއް ފެނިއްޖެ. އަދި ފައި ބިންދައިގެން ދިޔަ މީހަކަށް ފަރުވާ ނުދީ ހަތަރު ވަރަކަށް ގަޑިއިރު ވަންދެން ބޭއްވި. މިފަދަ ކަންކަމެއް މިހާރު ހިނގައިގެން ނުވާނެ. އެފަދަ ކަމެއް ތިމާއަށް ނުވަތަ ތިމާގެ އާއިލާ މެންބަރަކަށް ކުރިމަތިވުމުން އިހްސާސް ކުރެވޭނީ ކަންބޮޑުވާ މިންވަރު." ސަލީމް ބުންޏެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ލިބުން ލަސްވެގެން މީގެ ކުރިން ވެސް އެތައް ބަޔަކު ޝަކުވާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޯނުއެދުރު

    25 ބުރީގެ 10 ޢީމާރާތް އެޅުމަށްފަހު ބަލަން އޮވޭ ރައީސް

    12
  2. އަހްމަދު

    މީގެ ކުރިން އެމްބިޔުލާންސެއް ނުލިބިގެން ކުއްޖަކު މަރުވި މައްސަލަ އެމީހުން ބޭނުންގޮތަށް ނިންމާފައި ނޫސްކޮންފަރެންސަށް އަރާ ޒުވާން ކެރަފާ މިނިސްޓަރު ބުނީ ވަގުތުންވަގުތަށް ފޮނުވޭގޮތަށް މިހާރު އެމްބިޔުލަންސެއް ހަމަޖެހިފައި އޮންނާނޭ. ސަލީމު ތިޔަހަދަނީ މުޅިންދޮގު.

  3. މި ކިޔާބަލ

    ކޮވިޑް ޖެހިގެން ކޮން ފަރުވާއެއްތޯ ނުދިނީ.. ނޫހަށް ސުރުހީއެއް އަރުވާއިރު އެނގެންޖެހޭ ކޮވިޑަށް ހާއްސަ ފަރުވާއެއް ނުހުންނަކަން..

    2
    4
  4. Anonymous

    ދެން މިއަށްވުރެ ދެރަ ފަޤީރު ނިކަމެތި މީހާ މިކަހަލަ ކަމެއްވީމަ އުޅޭނެ ޙާލު ހިތަށްއަރަނީ.

  5. ޖުރީ

    ތިތަން ހިންގަން ތިހިރަބޮޑާ ތަކައްބުރު އަންހެނާ ނޫން މީހަކު ލައިގެން ނޫނީ ތިތަން ލާހިކެއްނޫން ރަނގަޅުކުރާކަށް . މިބުނީ ފެސިލިޓީއާ ހުޅުމާލެހޮސްޕިޓާ ވާހަކަ.