ރައީސް އަބްދު ﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަ ވާނީ އަންނަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގައި ކަމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވައިފިއެވެ.

މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ، ރިޔާސީ ދައުރު ހަމަވާ ތާރީޚާ މެދުގައި އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމާއި ގުޅިގެން އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދުމުން އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އެޓާނީ ޖެނެރަލް ލަފާ އަރުވާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އެޓާރނީ ޖެނެރަލް އެ ކޮމިޝަނަށް ލަފާ އަރުވާފައިވަނީ، ރިޔާސީ ދައުރު ހަމަވާނީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ރިޔާސީ ދައުރު ހަމަވާ ތާރީޚްގެ ގޮތުގައި ބަލަމުން އައީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ހިނގަމުން މިދާ ރިޔާސީ ދައުރުގެ ރައީސް ކަމުގެ ހުވާ ރައީސް ޔާމީން ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވާނީވެސް މިއަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ. އެޓާނީ ޖެނެރަލް އިލެކްޝަންސް ކޮމިޝަނަށް މިގޮތަށް ލަފާ އެރުވުމާއި ގުޅިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަން އެ ކޮމިޝަނުން ކުރިން ނިންމާފައިވާ ތާރީޚަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލައްވާނެ ކަމަށް މީގެ ކުރިން އެ ކޮމިޝަނުން އިއުލާން ކުރެއްވުމަށްފަހު މިއަދު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި ޤާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު ދޭއިރު އެންމެ ކުރިން އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނެ ތާރީޚަކީ 23 ޖުލައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި މައްސަލައިގައި ސްޕްރީމް ކޯޓަށް ވަޑައިގެންނެވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި، ޢާއްމު އުސޫލުގެ މަތިން މިކަން ކަނޑައަޅާފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާފުޅުގެ މަތިން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ "ރިޔާސީ އިންތިޚާބު 2018" ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކެންޑިޑޭޓް ނަންބަރު ދިނުމަށް ހަމަޖެހިފައިވަނީ 2018 އޮގަސްޓް 18 ވާ ހޮނިހިރު ދުވަހު ކަމަށާއި، ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށްޓަކައި ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު މިހިނގާ ޖުލައި މަހުގެ 17 ވާ އަންގާރަ ދުވަހު ހުޅުވާލައްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚްގައި، ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިން އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިލެކްޝަނސް ކޮމިޝަނުން ދިވެހި ރައްޔިތުންނަށް އަރުވައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިކަން އެނގޭ މާ ކުރިންވެސް ، ޔާމިނުއާއި ޖެހުނީމައި ތާރީޙްވެސް ބަދަލު ވާނެ ، ޖުމްހޫރީ ދުވަހަކީ 17 ނޮވެމްބަރަށް ހަދަންވީ . އަހަރުމެންނަށް އެނގޭ އައީވެސް ކޯޓުން ، ދެމިހުންނާނީވެސް ކޯޓުން.

  2. މަރުމޯލް

    މާކުރިންވެސް އެގޭ ތިޔަ އެޓަނީ ޖެނެރަލް ދެއްވާނީ ތިޔަލަފާކަން ، ތީ ނޭގޭ ކަމެއްނޫން

  3. އަލީ

    %61 ވޯޓުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ އިރާދަކުރެއްވިއްޔާ
    މިތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ވޯޓުދޭ ހިތުން ކެތް މަދުވެފަ