ގއ. ދާންދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު އާއި ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެމްޓީސީސީ އާއިއެކު ސޮއިކޮށްފިއެވެ.

މިިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕާމަނަންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަދޫ ބަނދަރު މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން 47،016،634.85 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށު ބަނދަރުން 25،636 ކިއުބިކް މީޓަރ ފުން ކުރުމަށާއި 180 މީޓަރ ބޭރު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 628 މީޓަރ ރިވެޓްމަންޓު ޖެހުމަށް ހަމަޖެހިފައިވާއިރު 346 މީޓަރުގެ އެއްގަމު ތޮށި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުބައްތިތައް ޖެހުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރުގައި ތާރު އެޅުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއަދު ދެން ސޮއިކޮށްފައިވަނީ ދާންދޫ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއުގައެވެ. ދައުލަތުގެ ބަޖެޓުން 70،862،508.89 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު 485 ދުވަހުގެ ތެރޭގައި ނިންމާ ކައުންސިލާއި ހަވާލުކުރުމަށް ވަނީ އެއްބަސްވެފައެވެ.

ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި އެއްބަސްވުމުގެ ދަށުން، 81،404 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާއިރު 370 މީޓަރ ރިވެޓްމަންޓު ޖެހުމަށާއި 333 މީޓަރ ބޭރު ތޮށި ލުމަށްވެސް ވަނީ އެއްބަސްވެފައެވެ. އަދި 529 މީޓަރ އެއްގަމު ތޮށިލާން ހަމަޖެހިފައިވާއިރު މި ރަށުގައި ވެސް މަގުބައްތި ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރުގައި ޕޭވްމަންޓު ހެދުމަށް ވަނީ އެއްބަސްވެފައެވެ.