ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ މީހާ ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 63 އަހަރުގެ އަންހެނެކެވެ.

ދެވަނަ މީހާ ނިޔާވީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 79 އަހަރުގެ ފިރިހެނެކެވެ.

މިއަދު ކޮވިޑްގައި ތިން ވަނަ މީހަކު ނިޔާވެފައި ވަނީ އައްޑޫ ސިޓީންނެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ހެނދުނު 9:00 ގައި އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 76 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިއަދު ކޮވިޑްގައި ތިން މީހުން ނިޔާވުމާއިއެކު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 268 އަށް އަރާފައެވެ.

މިއަދު ކޮވިޑްގައި ތިން މީހަކު ނިޔާވެފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައްވެސް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެެވެ. އެގޮތުން ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތަކުން މިހާރު ދަނީ ރެކޯޑް ހަދަމުންނެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 9574 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Dogube

    އަސްލު ސުވާލު ކޮށްލަން ބޭނުންވަނީ މީހަމަ ކޮވިޑް މަރުތޯ؟ ސަބަބަކީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށްވެފައި އަދި އުމުރުން ވަރަށްދުވަސްވީ މީހުނަށް ވުމެވެ. މިކަންވެސް ޤަބޫލު ކުރާނެ މީހުން ތިބޭނެ ދޯ، އެކަމަކު ހުރިހާއެންމެންނަކީ އިންޑިއާ ހާ ގަމާރު ބައެއްނޫން.