މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ އަދަދުތައް މައްޗަށް ގޮސްފައިވާތީ އައިޖީއެމްއެޗްގައި ލޭ ނެގުމުގެ ހިދުމަތަށް ދުވާލަކަށް 200 ނަމްބަރު ދޫކުރާ ގޮތަށް ހަދައިފިއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށްް މައްޗަށް ގޮސްފައެވެ. އަދި މިހާރު އާ އަދަދުތަކުން ރެކޯޑް ހަދަމުންދާއިރު، ފައްސިވާ އަދަދުތައް ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުއެވެ.

އައިޖީއެމްއެޗްއިން މިއަދު ނެރުނު ދަންނަވާލުމެއްގައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް އެ ހޮސްޕިޓަލްގެ ލެބޯޓްރީން ލޭ ނެގުމުގެ ހިދުމަތް ދެމުންދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް ކަމަށެވެ.

އަދި ދުވާލަކަށް ނަމްބަރު ދޫކުރެވޭނީ އޮންލައިންކޮށް 200 ނަންބަރު އަދި ހޮސްޕިޓަލަށް ވަޑައިގެން 100 ނަމްބަރު ކަމަށް އެ ދެންނެވުމުގައި ވެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްއިން ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް ދުރާލާ ތާވަލުކޮށްގެން ހަދާ ސާޖަރީތައް މެެދުކަނޑާލާފައެވެ.

ރާއްޖޭގެ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުން އިއްޔެ 2،137 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓް އުޅެނީ 36 އިންސައްތައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާބަސް

    މިވަރު ވެގެންދާއިރުވެސް އިތުރު ފިޔަވަޅެއް ނެއްތޯ
    ކިހާދެރަ ކަމެއްތޯމީ މިހާލަތުގަ ދަރިން ސްކޫލަށް ގެންދަން ޖެހޭކަމީ ވަރަށް ދެރަކަމެއް