ކިންގް ސަލްމާން މިސްކިތް މިއަހަރުގެ ރަމަޟާން މަހަށް ހުޅުވުމަށް ބޭނުންވާ ކަންކަން ނިންމުމަށް ވަރަށް އަވަހަށް ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް، އަންނަ ރޯދަ މަހުގެ ކުރިން ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

އޭރު މިނިސްޓަރު ވަނީ މިސްކިތަށް މަދުވަނީ ފަރުނީޗަރާއި ބައެއް އިކުއިޕްމެންޓަތައްކަން ވެސް ހާމަ ކުރައްވާފައެވެ. އެކަމަށް 1.6 މިލިއަން ޑޮލަރު ހަރަދުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު "ވަގުތަށް" ވިދާޅުވީ، ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީން ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދޫކުރާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ.

"ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ" ލަމާން ވިދާޅުވިއެވެ.

މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނައިރު މިސްކިތުގެ ވަޒީފާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. މިނިސްޓަރު ވެސް ފާހަގަ ކުރެއްވި އެކި މަސައްކަތްތަކަށް 30 ވަރަކަށް މުވައްޒަފުން ބޭނުންވެއެވެ. އެކަމަކު މި ވަގުތު ނަގަން ހަމަޖެހިފައިވަނީ 14 މުވައްޒަފުންނެވެ. އެއީ 10 ސަޕޯޓް ސްޓާފުންނާއި ހަތަރު ޓެކްނިކަން މުވައްޒަފުންނެވެ. މުވައްޒަފުން ނެގުމުގައި ބޮޑަށް އިސްކަން ދޭނީ ދިވެހިންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނ

    ޢިސްކަން ދޭނީ ދިވެހިންނަށޭ ބުނަންދޯ ކެރުނީ.
    ބުނެބަލަ ދިވެހިންނަށޭ....މީ ކޮންކަހަލަ މިނިސްޓަރެއްތަ.

    15
  2. ސާމިރީ

    ކޮންމެ ރޯދަމަހެއް ބޯމަތިވާ އިރަށް މިސްކިތް ހުޅުވާ ވާހަކައިގެ އަޑު ގަދާވާނެ. ރޯދައަށް ހުޅުވަން ބުނާއިރު ފައިސާ ދޫކުރާނެ ތާރީޚެއް ނުނިންމަ. މުވައްޒަފުން ނުނަގަ. މިހެންގޮސް ބައިވަރުކަންތައް ނުނިމި އެބަހުރި. މިއީ އެއްވެސް އިޚުލާސްތެރިކަމެއް އޮތް ބައެއް ނޫން. އިސްލާމްދީނުގެ ކަމެއްވިއްޔާ އޮންނާނީ ފަހަތު ފަޔަށް ނިކަންބޮޑަށް ބުރަވެފަ. ޗާޗެއް ބުދުފައްޅިއެއްނަމަ މިހާރު ރިބަންކަނޑާ މީހާ ގޮސް އެތާ ހަވާއަރުވާ ނާޗަރަންގީ ކުޅެ އޮނުވެސް ފުމޭނެ.

    11
    1
  3. Anonymous

    ސަލްމާން މިސްކިތް ހުޅުވީމާ އެ މިސްކިތުގެ ރައްކާތެރިކަން ބަލަހައްޓަން ދިވެހި ރައްޔިތުން ސަމާލުވާން އެބަޖެހޭ. ނޫނިއްޔާ ގެރިމޯދީގެ ލާދީނީ ބައިގަނޑު ތިޔަ މިސްކިތަށްވެސް ކުޑަކަމުދާނެ، ބޮޑުކަމުދާނެ، ނަޖިސްކުރާނެ. ދެން ސަރުކާރުން ބުނާނެ އެކަން ކުރީ މޮޔައެކޭ.

    12
  4. ލާބަ

    ވަޓް. އެހެން ވީމަ ސަރުކާރުން ދޯ ނުހުޅުވާ މިއުޅެނީ. ހާދަ ދެރައޭ

    13