ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު އަމީނީ މަގުން، ޒޯން ސްޓޭޑިއަމާއި އަފީފުއްދީން ސްކޫލާ ދިމާލުގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންކަމަށްވާއިރު، އެއް ސައިކަލު ދުއްވަން އިނީ މެދު އުމުރުގެ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި، އަނެއް ސައިކަލު ދުއްވަން އިނީ ޒުވާން އަންހެނެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ މެދު އުމުރުގެ ފިރިހެން މީހާއަށްކަމަށްވާއިރު، އޭނާގެ ބޯ ފަޅައިގެން ގޮސް އެހެން ބައެއް އަނިޔާތައްވެސް ވަނީ ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް މިހާރު ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މި ފިރިހެން މީހާ ދުއްވާފައި ދިޔަ ސައިކަލު، އެތަނުން ދިޔަ އަންހެނެއްގެ ސައިކަލުގައި ޖެހުމުންކަމަށެވެ. އަދި، ސައިކަލު ޖެހުމުން، ފިރިހެން މީހާއަށް އޭނާގެ ސައިކަލު ކޮންޓްރޯލް ނުކުރެވުނުކަމަށާއި ކޮންޓްރޯލް ނުކުރެވުމުން ގޮސް ޖެހުނީ ދުވާރު މަތީގައެވެ. އަދި، އެމީހާގެ ބޯފަޅައިން ގޮސްފައިވަނީ ދުވާރު މަތީގައި ޖެހި، ސްޓޭޑިއަމްގެ ގޭޓު ތިރީ ކޮންކްރީޓް ގަނޑުގައި ޖެހިގެންކަމަށްވެސް އެފަރާތްތަކުން ބުންޏެވެ.

މިކަން ހިނގާފައިވަނީ މިއަދު މެންދުރު 12 ޖަހާކަށް ހާއިރުކަމަށްވާއިރު، އެވަގުތަކީ އެސަރަޙައްދުގައި ހުންނަ ސްކޫލު ކައިރިއަށް ގިނަ ބަޔަކު ޖަމާވާ ވަގުތެކެވެ.

އިއްޔެ އައްޑޫ ސިޓީގައިވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޯދިގު

    ރަގަޅޭ ރަގަޅޭ އަދިވެސް މަގުގަ ތާރު ނޭޅިގެން އުޅޭ!

  2. ހުސޭނު

    ކިހާ ރަނގަޅު، މިހާރު މަގު ގޯސްމިވީ، މިގޮތަށް އަޅުގަނޑުމެންގެ ވިސްނުން ހުރެގެން ދުވަހަކުވެސް ކަމެއް ރަނގަޅު ނުވާނެ،

  3. ޙަސަނު

    ާދެރަކަމެކޭ

  4. ހައިދަރު

    މަގުގަ ތާރު އެޅުމެއްނޫން މަސްއަލައަކީ

  5. ހޫން

    ތާރު އަޅައިން ވާކަމެއް ނޫން އެޔަކީ..ވާން ހުރި ކަމެއް ވާނެ..