ހއ.ދިއްދޫ އިން މިއަދު މިހައިތަނަށް 63 މީހަކު މުޅިން އަލަށް ކޮވިޑް-19 އަށް ފައްސިވެ އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 429 އަށް އަރައިފިއެވެ.

ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމު ކުރި މައުލޫމާތު ތަކުގައިވާ ގޮތުން މިއަދު ފައްސިވި މީހުންނަކީ މި މަހުގެ 15 އަދި 16ގައި ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ. ނަމަވެސް އެ ސުންކުތަކުގެ ނަތީޖާ ލިބިފައި ވަނީ މިއަދުއެވެ. މި ނަތީޖާ ތަކާއި އެކު މިހާރު ދިއްދޫގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 88ކަށް އިތުރުވެފައެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 3 ފުރަބަންދާއި، 35 ފްލޫ ސާމްޕަލް ސުންކާއި 21 ޑައިރެކްޓް ކޮންޓެކްޓުންނާއި 4 ރެންޑަމް ސުންކެވެ.

ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނައިރު ރަށު ތެރެއިން މިހައިތަނަށް ޖުމްލަ 3،372 ސުންކު ވަނީ ނެގިފައެވެ. އަދި ނަތީޖާ ނުލިބޭ 82 ސުންކެއް މިއަދު މިހައިތަނަށް ވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ދިއްދޫ އިން ފައްސިވާ އަދަދު މައްޗައް ދާނެކަމަށް ބެލެވެއެވެ.

ބަލީގެ ޝިކާރަ އަކަށްވެ މިފަހަރު ދިއްދޫ އިން އެކަކު ނިޔާވެފައި ވާއިރު މީގެ ކުރިން އެރި ރާޅުތަކުގައި އެރަށުން 4 މީހަކު ނިޔާވެފައި ވެއެވެ.

ދިއްދޫ ހޮސްޕިޓަލުން އަދިވެސް ޕީސީއާރުގެ ހިދުމަތް ލިބެން ނެތުމުން އެރަށުގައި ހަރަކާތްތެރިވާ ދެ ފިކުރުގެ ސިޔާސީ އެކްޓިވިސްޓުންނާއި އާއްމު ރައްޔިތުން ވެސް ދަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ދިއްދޫ އަކީ މިވަގުތު މުޅި ރާއްޖެ އިންވެސް އެންމެ ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ އެއް ރަށްކަން ފާހަގަކޮށްލެވެއެވެ. އެކި ފަހަރު މަތިން މީގެ ކުރިން އެރަށް މޮނީޓަރިންގ އަށް ލުމުން ރަށުގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ވަނީ ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާ މަރުކަޒު

    ރައްރަށުގަގައި ވަކި އިޤްދިސޯދެއް އޮންނަކަން މިޚަބަރުން އެނގުނީތީ އުފާކުރަމެވެ.

  2. މް

    އަދިވެސް ދިއްދޫ މެމްބަރު އިސްތިއުފާ ދޭކަށް ނުވޭބާ؟ލަދެއް ހަޔާތެއް، އަދި ގޮތެއް ފޮތެއް ހުރިނަމަ އިސްތިއުފާ ދީ.، މިސަރުކާރުން ދާއިރާ ތަކަށް އެންމެ އަވަހަށް ތަރައްޤީ އަންނަނީ މެމްބަރ ކަމުން ހުސްވުމުން. މެމްބަރ އިޚްލާސްތެރިނަމަ އަވަހަށް އިސްތިއުފާ ދީ! އޭރުން ބައި އިލެކްޝަނަށް ގޮސްގެން މިދާއިރާ ކުރިއަރާނީ. އާދޭސް ކޮށްފައި ބުނަން އިސްތިއުފާދީ