ނިމިދިޔަ 2021 ވަނަ އަހަރަކީ ހައިކޯޓުގެ ތާރީޚުގައި އެންމެ ގިނަ މައްސަލަ ނިންމި އަހަރު ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ހައިކޯޓުން މިރޭ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2021 ވަނަ އަހަރު، ހައިކޯޓުން ޖުމްލަ 672 މައްސަލަ ނިންމާފައިވެއެވެ. 2021 ވަނަ އަހަރު ހައިކޯޓުގައި ރަޖިސްޓްރީ ކުރެވުނީ 625 މައްސަލައެވެ. އެހެންކަމުން ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކަށްވުރެ އިތުރަށް 47 މައްސަލަ މިދިޔަ އަހަރު ހައިކޯޓުން ނިންމިއެވެ.

ނަމަވެސް ކުރިން ހުށަހެޅުނު މައްސަލަތަކާއިއެކު 2021 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގައި ނުނިމި 679 މައްސަލަ އެބައޮތެވެ.

ހައިކޯޓުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެކޯޓަށް އެންމެ ގިނައިން ހުށަހެޅުނީ ވެސް އަދި އެންމެ ގިނައިން ނިންމީ ވެސް މަދަނީ މައްސަލަތަކެވެ. މިދިޔަ އަހަރު 242 މަދަނީ މައްސަލައެއް ކޯޓުގައި ރަޖިސްޓްރީ ކުރިއެވެ. ކުރީގެ މައްސަލަތަކާއިއެކު މިދިޔަ އަހަރު 323 މަދަނީ މައްސަލައެއް ހައިކޯޓުން ނިންމިއެވެ.

ދެން އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައި ވަނީ ޖިނާއީ މައްސަލަތަކެވެ. 192 ޖިނާއީ މައްސަލައެއް މިދިޔަ އަހަރު ރަޖިސްޓްރީ ކުރިއިރު ކުރީގެ މައްސަލަތަކާއިއެކު މިދިޔަ އަހަރު 214 ޖިނާއީ މައްސަލައެއް ހައިކޯޓުން ނިންމިއެވެ.

ތިން ވަނައަށް އެންމެ ގިނައިން ކޯޓުގައި ރަޖިސްޓްރީ ކުރީ ވަޒީފާ އާއި ގުޅޭ މައްސަލަތަކެވެ. ވަޒީފާ އާއި ގުޅޭ 133 މައްސަލައެއް މިދިޔަ އަހަރު ކޯޓުގައި ރަޖިސްޓްރީ ކުރިއެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަލައި ނިންމުނީ 67 މައްސަލައެކެވެ.

ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ދެމައްސަލަ އަކާއި 2018 ވަނަ އަހަރުގެ 21 މައްސަލައަކާއި 2019 ވަނަ އަހަރުގެ 186 މައްސަލައަކާއި 2020 ވަނަ އަހަރުގެ 141 މައްސަލައަކާއި އަދި 2021 ވަނަ އަހަރުގެ 329 މައްސަލައެއް ނުނިމި އެބައޮތެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    ގިނައީ ރައީސް ޔާމީންގެ މައްސަލް

  2. އައްޑޫ މީހާ

    ގިނައީ ސަރުކާރުގެ ނުފޫޒު އޮވެގެން ސަރުކާރުގެ މަސްލަހަތު ހިފަހައްޓަން ކުރި ނާއިންސާފު ހުކުމްތައް