ހދ. ހިރިމަރަދޫގައި 300 މީހުން ޖާގަ އަދި ސ.މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔާއި ހަވާލު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުﷲ އެވެ. އަދި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

320 ދުވަސްތެރޭގައި އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީހަކީ ފެބްރުއަރީ 17، 2022 ވަނަ ދުވަހުއެވެ. ދައުލަތުން 12.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކުއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖަލީލު އެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.

365 ދުވަސްތެރޭގައި އިމާރާތް ކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީހަކީ ވެސް ފެބްރުއަރީ 17، 2022 ވަނަ ދުވަހުއެވެ. ދައުލަތުން 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިނިސްޓްރީން ބުނީ މި ދެ މިސްކިތަކީ ވެސް އަންހެނުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ ދެ މިސްކިތް ކަމަށެވެ. އަދި މިދެ މިސްކިތް އިމާރާތް ކުރަން ނިންމީ އެދެރަށުގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ދެ މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ދެ މިސްކިތުގައި ވެސް ފާހާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.