ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާ ޕަރސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީނުވެ، ވީހާވެސް ފުރިހަމަޔަށް، އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ބޮޑީގާޑުންނަކީ، ހަމައެކަނި ފަސް އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ހިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ގާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަސައްވުރަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރު ލިބިފައިވާ، ފަންނީ، ގާބިލް، ޕްރޮފެޝަނަލް، ފައިޓިންގ ފިޓް ފޯރސްއަކަށް ހެއްދެވުންކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން، ބޮޑީގާޑު ޓްރެއިނިންގ ކޯސް ނުބާއްވާތާ 5 އަހަރު ފާއިތުވެފައި ވަނިކޮށް، 2020 ވަނަ އަހަރު، ކޮވިޑް-19ގެ ހާލަތުގައިވެސް، އެކޯސް އިޔާދަކޮށް، މިދިޔަ އެކޯސް ކާމިޔާބުކަމާއެކީ ހިންގާފައިވަނީ، ރައީސް ސޯލިހްގެ ތަސައްވުރު ހާސިލްކުރުމުގެ ތެރެއިންކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ، މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހުމަދު

    މިގައުމުގަ ރައްކާތެރިކަން ބޭނުންވާ ގިނަ މީހުން އެބަތިބި. އެކަމަކު ނަޝީދު ކާރު ވަށައިގެން މީހުން ދުވަން ބަހައްޓާފަ ތިބެނީ ހަމަ ސިޔާސީ ބޭނުމުގަ. ދެން ކޮން ވާހަކައެއް މިދައްކަނީ

    88
    1
  2. މިހެންވޭތަ

    ބޮޑީގާޑުން ނޫނަސް ދައުލަތުން ޝަރީއަތަށް ފޮނުވާ މައްސަލަތަކުގައި ދައުލަތުގެ ވަކީލުންގެ ގޮތުގައި ވަޑައިގަންނަވާ ބޭބޭފުޅުން ދައުވާ ރައްދުވާ ފަރާތާ ގުޅުން ބަދަހިކުރައްވާނަމަ އެކަހަލަ ވަކީލުންގެ ޕްރޮފެޝަނަލިޒަމާ މެދު ސުވާލުއުފައްދާ ބަޔަކު ތިބުމަކީވެސް ނުވުމަށްވުރެ ވުން ގާތް ކަމެއް.

    40
  3. މަބޭ

    ބޮޑީގާޑުން ސިޔާސީނުވުމައް ވިދާޅުމަކުންނުފުދޭ ޕްރޮފެނަލްކޮއް މަސަތްކަތްކުރަމުންއައިބަޔަކު ސިޔާސީކަންކަމުގެތެރެޔައް ވައްދާ ރަސްމީމަސަތްކަތުންބޭރު ކަންކަމުގަ އެމީހުން ސާމިލްކުރުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަ.

    38
  4. ބާކީ

    އެމީހުން ސިޔާސީ ނުވާނަމަ ކަމަނާ އިންޑިއާ އަށް ގިސް ރާއްޖޭ ހިިފިދާނެއޭ ކިޔައި ދެއްކިވާހަކައާއި، ފިނދަނަތަކުގެ ވާހަކައާއި ގާނޫނުއަސާސީ އަށް ފައިންއެރި ކަންކަމީ ކަލޭގެ ބޮޑީ ގާޑުކަން ކުރަން ނޫނެކޭ ބުނާވަރުކަންކަން.

    43
  5. Anonymous

    ފިދަނަ

    34
    1
  6. އާދަމް

    ދެން މީނާ ވެސް މުސްކުޅިވީ ދުވަހު ވާހާ ކަރުބޮޑެތި ލިބާސް ލައިގެން ޕޯޑިއަމްތަކަށް އަރާ ވާހަކަދައްކާތީ ދިވެއްްސެއްގެ ހައިސިއްޔަތުން އަޅުގަނޑު ލަދުގަނޭ.

    42
    1
  7. ކައުންސެލަރު

    އޭނާކައިރީ އަހާބެއަ ކޮބާހޭ ފިނޑި ފިނދަނަ އަކީ؟
    އިންޑިޔާ އައުޓު

    45
  8. ހުސޭނުބޭ

    ރައްޔިތުންގެ ސަލާމަތާބެހޭ މިނިސްޓަރު ސިޔާސީވެގެންގޮސް ސިޔާސަ ވީމާ އަދިމާދެރަ!

    43
    1
  9. އައްޓަމަސް

    ސިޔާސީ ޅިޑަރުންގެ ބޮޑީގާޑުން ސިޔާސީނުވެ ދެން ކޮންބަޔަކު ސިޔާސީ ވާންވީ

    17
  10. Anonymous

    ބޮޑީގާޑުން ސިޔާސީ ވަނީއެއްނޫން. އެމީހުން ސިޔާސީ ކުރަނީ. އެކަން ފުރަތަމަވެސް ކުރަންފެށީ އެމްޑީޕީ އިން. ސަލާމަތީބާރުގެތެރެއަށް ސިޔާސީ ފިކުރުވައްދައި ސިޔާސީކުރީ އެމްޑީޕީއިން.

  11. ކޮއްޔާ

    މިނިސްޓަރު ޕްރޮފެޝަނަލް ވެގެން އެހެންމީހުން ރަގަޅުވާނީ // ސިފައިންގެ ބޮޑީގާޑުން ބޭނުން ވަރަށް ތިބިއްޔާވެސް އިތުރު ބަޔަކަށް ތަމްރީން ނުދީފާނެ // އެކަމަކު މުއައްސަސާ ބަދަލްވާއިރު އާމީހުން ތަމްރީންވާންވާނެތާ // އިންޑިޔާ އައުޓް //

  12. ބައިޖަން

    ދައިތައެއްނޫންތަ ސިފައިންނަށް ފިނޑި ފިނދަނައޭ ގޮވީ. މިއަދު ހަމަ ތިޔަ އަނގައިން ސިފައިންނަށް ތައުރީފް ކުރަން މަޖުބޫރުވެފަ ތިއޮތީ. މާތްކަލާނގެ ކުޅަދުންވަންތަކަން.