އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ހޮސްޕިޓަލުން އަންގައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބާޔާނެއްގައި ބުނީ، ކޮވިޑް-19 އަނެއްކާ ވެސް ހަލުވި ކަމާއި އެކީ ފެތުރެމުން ދާތީ އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށް ބަލި މަޑުކަން ފެތުރިގެންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަންމުން އަންނަ ކަމަށެވެ.

އެހެން ކަމުން މާދަމާއިން ފެށިގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ތިބޭ މީހުން ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއަކަށް ހޮސްޕިޓަލުގައި މަޑު ކުރެވޭނީ އެންމެ ފަރާތަކަށް ކަމަށާއި އެމީހާއަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

"ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާ، ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި ވަޑައިގަތުން ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންވެވުން" އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ހާލަތްތަކުގައި ރަނގަޅު ގޮތުގައި މާސްކު އެޅުއްވުމަށާއި ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސެނިޓައިޒާ ފުޅި ބޭނުން ކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.