ރާއްޖޭން އިތުރު 1697 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފައްސިވެފައިވާ މީހުންގެ ތެރެއިން 677 މީހުން ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 680 މީހަކު އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، 60 މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުންނެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރި 7263 މީހުންގެ ތެރެއިން ފައްސިވެފައިވާ މީހުން ކަމަށެވެ. އޭގެ ތެރެއިން 3269 ސުންކަކީ މާލެ ސަރަހައްދުން ނަގާފައިވާ ސުންކުތަކެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ 21 އިންސައްތައިގައި އުޅޭއިރު، މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 11,535 އަށް އަރާފައެވެ.

ރާއްޖޭން މިހާތަނަށް 112,628 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 100,811 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 49 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މިބަލީގައި ރާއްޖޭން 265 މީހަކު ވަނީ ނިޔާވެފައެވެ.

މިހާތަނަށް ރާއްޖޭން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ 2،199 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖޭން 2،194 މީހަކު ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސެން

  ތީހަމަ ރަނގަލު ނަންބަރުބާ ނޫނީ ފޯކައިދޫ ދަތުރު ކުރިޔަ އޮތީމަ އައި ނަންބަރެއްބާ!

 2. ޢަހުފު

  އާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތިޔަ ހަބަރު ގެނެސް ދިނުން ހުއްޓާލާށެވެ. މިއީ މިހާރު ނޯމަލް އަރިދަފުސް ރޯގާ އަކާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ. ދުނިޔޭގެ ގައުމުތަކުގައި މިކަން މިގޮތަށް ބަލައިގަންނަމުން ދާތަން ނުފެންނަނީހެއްޔެވެ.

  3
  1
 3. ހަބޭސް

  އަދަދުތަށް މަޢްޗަށް ދިޔަސް އިތުރު ފިޔަވަޅެއް ނެތް
  ސްކޫލްތަކުގެ ކިޔެވުން މިވަގުތު އޮންލައިން ކުރުން ވަރަށް މުހިންމު އެއީ މިދުވަސްކޮޅުބަލިވުމާ ކޮންޓެކްޓް ގެ ސަބަބުން ސްކޫލަށް ނުދެވޭ ކުދިން ވަރށް ގިނަ އެހެންކަމުން މިވަގުތު އޮންލައިންކޮށް ގެންދާނަމަ ހުރިހާކުދިންނަށް ހަމަ ހަމަ ކޮށް ކިޔެވޭނެ ކަމަށް ގަބޫލް ކުރެވޭ
  އިންޝާﷲ ހާލަތު ބަދަލްވުމާެކު ސްކޫލަށް ކުދިން ނެރެވިދާނެ މިހާރު އަޅުގަނޑުމެންގެ ކުދިންކޮޅު ބަލިން ރައްކާތެރި ވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަންތަށް މީ ދުއާ ކުރުމާއެކު ސަބަބުތަކުގަ ހިފަންވެސް ޖެހޭ