ރާއްޖޭން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 100,811 އަށް އަރާފައެވެ.

ރާއްޖޭން މިހާތަނަށް 112،628 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން މިވަގުތު ކޮވިޑް ޖެހިފައި ތިބީ 11،535 މީހެކެވެ. އޭގެ ތެރެއިން 49 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެއްލައްކަ މީހުން ބަލިން ރަނގަޅުވި ނަމަވެސް، ފަހަކަށް އައިސް ރާއްޖޭން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް 1،697 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިހާތަނަށް ރާއްޖޭން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ 2،199 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖޭން 2،194 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ މި ހާލަތުގައި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔައި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު ގޯސް ވެދާނެ ކަމަށް ބުނަމުންނެވެ.

ރާއްޖޭން މި ބަލީގައި މިހާތަނަށް 269 މީހަކު ނިޔާވެފައިވާއިރު، އިއްޔެ އެކަނި މި ބަލީގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގުލު ފިއްތި

    ކޮވިޑްޖެހޭ މީހުންގެ ތެރެއިން އެންމެ ހައިރިސްކް ކަމަށް ބުނާ މީހުންވެސް އެބަ ރަނގަޅުވޭ. ދެން ސަރުކާރުން ރައްޔިތުންނަށް ނުހޮރޮއްޕާން ކުރަންވެގެން ކޮން ހަރުކަށި ފިޔަވަޅެއް އަޅަން މިއުޅެނީ. ކޮވިޑް ޖެހުނަސް ނުޖެހުނަސް ވަގުތު ޖެހުނީމަ ލަހެއް ފަހެއް ނެއް