ށ. ފޯކައިދޫގައި އޮތް ޗަސްބިމުގެ ސަރަހައްދުން ގޯތި ދޫކުރާ ގޮތަށް "ކުއްލިއަކަށް" އިއުލާން ކުރުމުން އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ފާޑު ވިދާޅުވެއްޖެއެވެ.

ދިހަ އަހަރު ކުރިން ފޯކައިދޫގައި ގޯތި ދޫކުރުމަށް ފަހު، އެހާ ދިގު މުއްދަތެއް ފަހުން، އަލުން އެ ރަށުގައި ގޯތި ދޫކުރަން އިއުލާން ކޮށްފައި މި ވަނީ، އެ ރަށް ހިމެނޭ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާ ދިމާކޮށެވެ. ބައި އިލެކްޝަން އޮތީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ.

އެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި، އުޝާމް ނިސްބަތްވާ އެމްއެންޕީ ވެސް ވާދަކުރެއެވެ.

ފޯކައިދޫއިން ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން، އުޝާމް ވިދާޅުވީ މިއަދު ވެރިކަމުގައި ތިބި ފަރާތްތަކަކީ، ހިއްކާފައި ނުވާ ފަޅަކުން ކުރީގެ ސަރުކާރުން ގޯތި ދޫކުރަން އުޅުމުން އެ މައްސަލައަކަށް ހެދި ފަރާތްތައް ކަމަށެވެ.

"މިއަދު މި ސަރުކާރުން އިންތިޚާބަކާއި ދިމާކޮށް މި ނިންމީ ހިއްކާފައި ނުވާ ޗަސްބިމަކުން ގޯތި ދޫކުރުމަށް، ވެރިކަން ލިބުނީމާ ކުރިން ދެއްކި ވާހަކަތައް ހަނދާނެއް ނުހުރޭ،" އުޝާމް ލިޔުއްވާފައިވެއެވެ.

ފޯކައިދޫ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހު 14 ވަނަ ދުވަހު އަހަރާވުމުންނެވެ. އޭނާ އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ބައި އިލެކްޝަންއާއި ދިމާކޮށް ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮމަންޑު ކައިރީ އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ފަޅުން ބޮޑު ބައެއް ހިއްކައި ދެ ރަށް ބްރިޖްއަކުން ގުޅުވާލަން ވަނީ ހަވާލުކޮށްފައެވެ. ކޮމަންޑޫ ކައިރީ ތިން ރަށެއް ވަނީ ރިސޯޓް ހަދަން އިއުލާން ކޮށްފައެވެ. ފޯކައިދޫން ގޯތި ދޫކުރަން އިއުލާންކުރިއިރު، މަރޮށި ބަނދަރު ތަރައްގީ ކުރަން ވަނީ ފަށައިފައެވެ.

މި ކަމާއި ގުޅިގެން އާންމުންނާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިތުރުން ޓްރާންސްޕޭރެންސީ ފަދަ ޖަމިއްޔާތަކުގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުން، އެއީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މިއިން ބައެއް މަޝްރޫއުތަކަކީ މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައި ނުވާ މަޝްރޫއުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏ

    ސަރުކާރުގެ މުދަލާއި ފައިސާ ގުންޑާ މޑޕ އިސްވެރިންގެ
    އަ މިއްލަ މަސްލަހަތަށް ބޭނުންކުރުން ހުއްޓާލު މަށް
    ސަރުކާރަށް ގޮވާލަ މެވެ.

  2. ނަސީދު

    ހިމާޔަތް ކުރަންޖެހޭ ކަނޑޫފަލެއް އެ ހަލާކު ކޮށްލަން ދިމާކުރަނީ އެބުނާ ޗަކަބިމަކީ މާލޭއިން އުތުން ވެސް އެވަރުގެ ބޮޑު ކަނޑޫފަލެއް ހަމަ ވަރަށް މަދުވާނެ، ހެރޓޭޖް މިނިސްޓަރު އެތަން ހިމާޔަށް ކުރުމަށް ތިމާވެއްތަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ގޮވާލަން،

  3. ސޫއޫދު

    ކަޅުދަބަސްއުފުލިވަގުންނައް ވޯޓްނުދޭތި ތިވޯޓްދެވެނީ ދޯސާއިން ރޮޝިދަމާމީހަކައް ތިއަތޮޅު ވޯޓްފޮޝިހުއްޓަސް ވޯޓާދިމާކޮއް ކިތައްފަހަރު ދަތުރުކޮއްފިހަދިޔާބަލާ ދެންކާރި ކުރާނީ ކޮޗިންފެރީ ލައްޑޫ ޖެހިފޮޝިތަކާއެކް ވޯޓުފޮޝިންޓާޓާކިޔާ