ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފެށި ނަމަވެސް، ސަރުކާރުގެ ނިޔަތާއި މެދު އެ ދާއިރާގެ ރައްޔިތުން ވިސްނާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު ވެސް ފުރުއްވާ މުއިއްޒު، އޭނާގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ކޮމަންޑޫ ދާއިރާއަށް ވެސް ތަރައްގީ އަންނަން އޭނާއާއި އޭނާ ނިސްބަތްވާ ޕީޕީއެމް ޕީއެންސީން މަރުހަބާ ކިޔާނެ ކަމަށެވެ.

އެހެން ވިޔަސް، ބައި އިލެކްޝަނަކާއި ދިމާކޮށް މި މަޝްރޫއުތައް ފެށިގެން އައުމުން ސަރުކާރުގެ އިޚްލާސްތެރިކަމާއި ނިޔަތާއި މެދު ސުވާލު އުފައްދާނެ ޖާގަ ލިބިގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބައްލަވާނެ ސަރުކާރުން މި ކަން ކުރަނީ އިޚްލާސްތެރި ނިޔަތެއްގައިތޯ. އިންތިޚާބާއި ދިމާވެގެން ކަންކަން ވެގެން ދާއިރު އެއީ ރައްޔިތުން ވިސްނާނެ ކަމެއް،" މުއިއްޒުގެ ވެބްސައިޓްގައި ލިޔުއްވާފައިވެއެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ތައުރީފް ކުރައްވަމުން މުއިއްޒު ވިދާޅުވީ، ތައުލީމާއި ތަޖުރިބާގެ ދިގު އަހަރުތަކެއް މޫސާ ހޭދަކުރެއްވިއިރު، ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ފުރިހަމަ ވާކާލާތު ކުރެއްވޭނީ މޫސާ ފަތުހީ އިންތިޚާބުކޮށްގެން ކަމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސަރުކާރުގެ މަގާމުތަކެއް އަދާ ކުރެއްވިއިރު، އޭނާ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝީދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ކަލޭގެ އަވައިގާ ޖެހިގެން ކޮމަންޑޫ މީހުނަށް ލިބިލިބި އޮތް ފައިދާތަށް ދޫކޮށްލާނީ މޮޔައިން ! އެއީ އިލެކްޝަން އޮތީމަ ކަމުގައިވިއަސް ހެޔޮ ! ބުއްދިވެރިންނަކީ ލިބޭތަނުގައި ލިބިގަންނަ މީހުން ! ފަހުން އެކަންވާނެ މިކަންވާނެ ކިޔާފަ ވޭވޭ ހުރި ކަންތަކުގައި ކޮޅުފައިން ޖެހީމާ ވާނެ ގޮތަކީ " ދެމީދާފެހި ބުޅަލަށް " ވީގޮތް ! ކަލޭކަހަލަ މީހުންގެ ބަހަށް ހެއްލޭނީވެސް މޮޔައިން !

    4
    4