ރާއްޖެ އާއި އެފްރިކާ ބައްރުގައި އޮންނަ ބުރުންޑީއާ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ރަސްމީ ގޮތުން ގާއިމުކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ރަސްމީ ސިފައެއްގައި ގާއިމްކުރުމަށް އެކުލަވާލި "ޖޮއިންޓް ކޮމިއުނިކޭޝަން" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހަސަންއެވެ.

ބުރުންޑީ ސަރުކާރުގެ ފަރާތުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސެލެންސީ ޒެފިރީން މަނިރަޓަންގާއެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާކޮށް، ރަޙްމަތްތެރި ގައުމުތަކާއެކު މާނަވީ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

ސަރުކާރުން ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ނިސްބަތުން ކުދި ގައުމުތަކެއްގެ ހައިސިއްޔަތުން، ރާއްޖެއާއި ބުރުންޑީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުމުން، ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން އެއް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އިތުރަށް މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

ބުރުންޑީއާއެކު ސިޔާސީ ގުޅުން ގާއިމުކުރުމާއެކު، ރާއްޖެއިން މިހާރު 179 ގައުމަކާއެކު ސިޔާސީ ގުޅުން ބާއްވަމުން އެބަގެންދެއެވެ. ބުރުންޑީގެ އާބާދީއަކީ ގާތްގަނޑަކަށް 11.89 މިލިއަނެވެ.