ރައްޔިތުންގެ މަޖިލީހުގެ 64 ގޮނޑި މިހާރުވެސް ލިބިފައިވާ އެމްޑީޕީއަށް މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެކަމުގައިވާނަމަ ރާއްޖޭގައި މޫނުބުރުގާ އެޅުން މަނާކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މޫނުބުރުގާ އަޅައިގެން ސުކޫލުތަކުގައި ކިޔަވައިދިނުން މަނާކުރުމާއި ގުޅިގެން މިއަދު "ވަގުތު" އާއި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާ ލިބިއްޖެކަމުގައިވާނަމަ ސުކޫލުތަކުގެ އިތުރުން މަގުތަކުގައި ވެސް މޫނުބުރުގާ އެޅުން މަނާކުރާނެ ކަމަށާއި އެއީ ޔަގީންވެ ކަށަވަރުވާ ކަމެއް ކަމަށެވެ. އަދި އެބާރު މިހާރު އޮތީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަތުގައިކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެމްޑީޕީއަށް ވޯޓު ނުދިނުމަށް ނަސޭހަތްތެރިވެފައެވެ.

ނިސްބަތްވާ ޖިންސާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުމާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމުގެ ސަބަބުން ދިމާވާ ތަފާތުކުރުންތައް ނައްތާލުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް ގޮސް ރައްޔިތުން ގާތުގައި ސަލާންޖަހަނީ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ލިބުމުން މިގައުމުގެ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމުގައި އޮތްއޮތުން ބަދަލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

މިގޮތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ. އެ ބާރު މިވަގުތު މިއޮތީ އެދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަތުގައި. ވަރަށް އާދޭހައިއެކު، ވަރަށް އަސަރާއި އެކު މި ދަންނަވަނީ އެމްޑީޕީއަށް ވޯޓު ނުދެއްވާށޭ. މިއީ އަޅުގަނޑުމެންގެ ވާޖިބު، ބުނެދިނުމަކީ." ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީ އަކީ ވަރަށް ރޭވިގެން މިކަހަލަ ކަންކަން ކުރާ ޕާޓީއެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންނަކީ މިގައުމަށް ގައްދާރުވެފައިވާ ބައެއް ކަމަށާއި އެބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހަން ހެޔޮނުވާނެ ކަމަށެވެ.

"ހެޔޮ ނުވާނެ އިނގޭތޯ އެބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހަން. އެބޭފުޅުން ނޫންތޯ ވިދާޅުވީ ކޮޗިން ފެރީން، ކާށްޓާއި، ކުރުނބަލާއި އެކްސްޕޯޓު ކުރެވޭނޭ. އެބޭފުޅުން ނޫންތޯ އެކިއެކި ނަންނަމުގައި މިތަނަށް އިންޑިއާގެ ސިފައިން ގެނެސް ޖަމާކުރީ" ޝުޖާ ވިދާޅުވިއެވެ.

އަދި މިގައުމުގެ ދީން ބަދަލުކުރާނީ ކުއްލިއަކަށް ނޫން ކަމަށާއި އެމްޑީޕީން މިގައުމަށް އިންޑިއާގެ ސިފައިން ވެސް ގެނައީ މަޑުމަޑުން އެކި ނަންނަމުގައި ގެންނަމުން ގެންނަމުންކަން ފާހަގަ ކުރައްވާ ޝުޖާ ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓު ހޮވައިފިކަމުގައި ވާނަމަ އެބޭފުޅުން ގާނޫނު އަސާސީގައި މިގައުމު ދީނަކީ ހަމައެކަނި އިސްލާމްދީން ކަމުގައި އޮންނަ އޮތުން ބަދަލުކުރާނެ ކަމަށެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ފެނުމުން ފިލާވަޅަށް ދަރިވަރުންގެ ޝައުގު ހޯދޭ ކަމަށް ބުނެ ސުކޫލުތަކުގައި ކިޔަވައިދޭއިރު މުދައްރިސުންނަށް މޫނުބުރުގާ ނޭޅޭ ގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެއީ ސަރުކާރުގެ ލާދީނީ ސިޔާސަތުގެ ތެރެއިން ކުރާ ކަންކަން ކަމަށް ބައެއް މަޝްހޫރު އިލްމުވެރިން ވަނީ ތުހުމަތު ކުރައްވާފައެވެ.

އެކަމަށް ރައްދުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ކަމަށާއި އޭގެ ކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ވިދާޅުވެ އެވާހަކަތަކަށް ރައްދުދެއްވާފައެވެ. އަދި މިވަގުތު ވެސް ސްކޫލްތަކުގެ އެކި މަގާމުތަކުގައި މޫނު ބުރުގާ އަޅައިގެން ތިބޭ މީހުން މަސައްކަތް ކުރާ ކަމަށާއި އެބޭފުޅުންނާއި މޫނު ބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮލި

    ކަލޭކީވެތަ ނުބުނަނީ ޔާމީން ބޮޑުވަގެކޭ ؟

    4
    1
  2. ނިޒާރުބެ

    މިހާތަނަށްވެސް ގޮނޑިފުރުއްވީ މޑޕ މެމްބަރެއް އެހެންވީމަދޯ އެދާއިރާގަ މޫނުބުރުގާއެޅި އެކަކުވެސްނެތީ މީހުން ލައްވާ ނުބައިއެއްޗެތި ކިއުއްވަން ނޫޅެބަލަ