އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ ސ.ފޭދޫ، އިނގުރުމާގެ އައްޝައިޚު މުޙައްމަދުދީދީ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޝައިހް މުހައްމަދު ދީދީ ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މީގެކުރިން ވެސް ކުރައްވައިފައެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަންގެ ތެރޭގައި ކުރިން އޮތް އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވިއެވެ.

ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ޝައިހް މުޙައްމަދު ދީދީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ މަދަނީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ގިނަ ހަރަކާތްތަކެއް ހިންގެވި ބޭފުޅެކެވެ.