އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދެއްކުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމްސްއާއި ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތައާރަފު ކުރެވުނު އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ.

1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީއިން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރުހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައިވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ޤާއިމުކުރުމަށް ގޮވާލަން ނިންމިއެވެ. އެ އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވެ ތިބުމަށެވެ.

މިގޮތުން އޮލިމްޕިކް ގޭމްސް ފެށުމަށް ހަތް ދުވަހަށް ވުމުން، އަދި ކުޅިވަރުތައް ނިމިގެންހަތް ދުވަސް ވަންދެން އެއްވެސް ހަނގުރާމައެއް ނުކުރުމަށް އދގެ ގަރާރަކުން 1993 ގައި ފާސްވިއެވެ.

2005 ވަނަ އަހަރުގެ ވާލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރިއްޔާއިން ހަމަޖެހުމާއި ތަރައްގީ ގެނެވޭނޭ ކަމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ފާހަގަ ކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާއި ގުޅޭ އިތުރު މަސައްކަތް ކުރުމަށްވެސް ނިންމިއެވެ.

އެގޮތުން ތިނެއް ނޮވެމްބަރ 2005ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ގަރާރެއް ފާސްކުރިއެވެ. އަދި ކޮންމެ ދެއަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ގަރާރު އާކުރުމަށް ހަމަޖެހިގެންދިޔައެވެ.

ކުޅިވަރަކީ ދެމެހެއްޓެނެވި ތަރައްގީއަށް މަގުފަހިކޮށްދޭ ކަމެއްކަމަށް، ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ 2030 އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމާންކަމާއި ތަރައްގީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަކުރަމުން ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްހަތާއި ތައުލީމަށް، އަދި އިޖްތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ދޭއް ޑިސެމްބަރ 2021 ގައި އދ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ މެމްބަރު ހުރިހާ ޤައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިފަހަރު ބެއިޖީންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން ހަތް ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެމްބަރު ޤައުމުތަކުން ގަރާރު ފާސްކޮށްފައެވެ.

އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރުކޮށްދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރުކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އަމާން ދުނިޔެއެއް ގާއިމު ކުރުމަށް އެހީވެދެއެވެ. މިފަދަ ކަންކަމަކީ އދގެ އުފެދުމުގެ މަގްސަދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަންކަމެވެ.

އދ އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދގެ ދިދަ ވިހުރުވާލަން ނިންމާފަ އެވެ. އދގެ ނިޒާމާއި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އިންސާނީ ތަރައްގީއާއި، ފަގީރުކަން ނައްތާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާ ކުރިއެރުވުމާއި، އެޗްއައިވީ އަދި އެއިޑްސް ބަލިން ރައްކާތެރިވުމާއި، ޗައިލްޑް އެންޑް ޔޫތު އެޑިޔުކޭޝަނާއި، ޖެންޑާ އީކުއަލިޓީއާއި، ސުލްހަ ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިއްމާފައެވެ.

ކުޅިވަރާއި އޮލިމްޕިކްގެ ޒަރީއާއިން ސުލްހަ އާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުން ގެ ލީޑާޝިޕުން ކުރާ މަސައްކަތަށް ޝާހިދު ވަނީ މަރުހަބާ ކިޔާފައެވެ. އަދި ސުލްހައާއި ހަމަނުޖެހުން ހައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީއާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އދގެ އެކި ގައުމުތަކުން ދެއްވާ އަހަންމިއްޔަތަށްވެސް ޝާހިދު ވަނީ މަރުހަވާ ކިޔުއްވާފައެވެ.

އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކާދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހައާއި އަމާންކަމުގެ ސަގާފަތެއް ކުރިއެރުވުމަށާއި، އަދި އެ ސަގާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޝާހިދު ގޮވާލެއްވިއެވެ.

އާންމު މަޖިލީހުގެ ރައީސް އިތުރަށް ގޮވާލައްވާފައި ވަނީ، ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ގަރާރު 13/76 ގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއި އެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އޮލިމްޕިކް ޓްރޫސްގައި ވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބޭ

    އދ ގަހިމެނޭ ގައުތަކައްއެބަކިޔާދޭންޖެހޭ ސާހިދުގެ މުނާފިގުކަން މިދިވެހިރާއްޖެޔައް އިންޑިޔާސިފައިންއަރާ ރާއްޖެހިފުމައްގޮވިހަންދާން ނެތޭހާދުވަހެއްއަދިނުވޭ

    1
    1