ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި އެ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ ރޭ 3:01 ހާއިރުއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މިހާރު ދަނީ މަތިވަމުންނެެވެ. އެގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ. އަދި މި މަހުގެ އެއް ދުވަހެއްގެ ތެރޭގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ އަދަދު އިތުރުވަމުން އަންނައިރު އެ ބައްޔަށް ފައްސިވާ އަދަދުތައްެސް ދަނީ ރެކޯޑް ހަދަމުންނެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 2،349 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެެވެ.

ރާއްޖެ އިން މިހާތަނަށް 114،977 މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު ބަލި ޖެހިގެން ރަނގަޅުވީ 101،660 މީހުންނެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 13،035 އަށް އަރާއިރު، 48 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އެބަދެއެވެ.

އޭގެ ތެރެއިން 37 މީހަކު ތިބީ ހުޅުމާލޭ ފެސިލިޓީގައެވެ. އޭގެ ތެރެއިން ހަތް މީހަކު އައިސީޔޫގައި ތިބި އިރު ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 16 ގައި ނުވަ މީހަކު ތިބި އިރު އައްޑޫ ކޮވިޑް ފެސިލިޓީ އަދި ބ. އަތޮޅު ކޮޮވިޑް ފެސިލިޓީ، މިއިން ކޮންމެ ތަނެއްގައި އެކަކު ވަނީ އެޑްމިޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢައްޕް

    ތީ ހުސްދޮގު. ޢާ އިލާއިން އެބަ ޔަގީންކަން ދޭ އެ އަންހެން މީހާ ކޮވިޑްގަ ނޫ ން ކަން މަ ރުވީ.

    7
    1