އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް މިއަދަށް ތާވަލުކުރި އެމްއެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ ޝަރީއަތުގެ އަޑުއެހުން އިންޓަނެޓްގެ މައްސަލަ ދިމާވެގެން ކުރިއަށް ނުގެންދެވި އެންމެ ފަހުން ކެންސަލްކޮށްފިއެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައި ނުވާ ކަމަށް ބުނެއެވެ.

މިއަދު ހެނދުނު 9:30 އަށް ތާވަލު ކުރި އަޑުއެހުން ލަސްވަމުން ގޮސް ފެށުނީ 10:30 އަށް ވުރެ ފަހުންނެވެ. އޭގެ ފަހުން މައިކް އިން އަޑު ނައުމާއި އަޑު ނުލިބުމާއި އިންޓަނެޓްގެ އެކި މައްސަލަތައް ދިމާވެ، 11:10 ހާއިރު އެ މައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަން ކޯޓު އޮފިސަރު ވިދާޅުވެ އަޑުއެހުން ނިންމާލައެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި އާތިފްއަށް ކޮށްފައިވާ ތުހުމަތަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ މެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރ. އާއި 500،000 ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އާތިފް ވިދާޅުވެފައިވަނީ އެމްއެމްޕރްސީގެ މައްސަލައަކީ 2014 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 2018 ވަނަ އަހަރުގެ ތެރެޔަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި އެފްއައިޔޫގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުގެ ޖޫން އަށް ކަމަށެވެ. އެހެންވެ އެ މައްސަލާގައި ކުށެއް ނުކުރައްވާ ކަމަށާއި ކުރައްވާނެ މުއްދަތެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ހުންނެވި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. ފައިސާގެ މުއާމަލާތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތެކެވެ.