ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންއާ ދިމާކޮށް އެމްޑީޕީން ބާއްވާ ޖަލްސާތަކުގައި ޕްރޮމޯޓް ކުރަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަރަށް ބޮޑަށް ޕީޕީއެމް ޕީއެންސީއާއި އެ ކޯލިޝަންގެ ލީޑަރު އަދި ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ.

"ވަގުތު" ގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ފޯކައިދޫގައި ބޭއްވި އެ ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވުރެ ވެސް ބޮޑަށް ދެއްކެވީ ރައީސް ޔާމީންގެ ވާހަކަ ކަމަށާއި އޭގެ ސަބަބުން ޕްރޮމޯޓް ވަނީ ވެސް ޔާމީން ކަމަށެވެ.

"ކެމްޕޭން ފޯކަސް ގެއްލި، ރާޝިދު ޕްރޮމޯޓް ނުކޮށް، ދިފާއަށް ކުޅެނީ ޝަކުވާ ބޮޑުވެ، ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވާތީ، ސަރުކާރުގެ ނުފޫޒަށް ރައްޔިތުން ނޫނެކޭ ބުނާނެ، އިންޝާﷲ،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްއާއި ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ. ތިން ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނާއި އެކު އިންތިޚާބުގެ ކެމްޕޭން ފޯރި ވަނީ ގަދަވެފައެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެގެންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު