ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހިންގަން ފެށުމުގެ ގޮތުން އެތަނުގެ ވަޒީފާއަށް މީހުން ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.

އައިއޭއެސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޑިވަރު އެއާޕޯޓުގެ 11 ވަޒީފާއަކަށް މީހުން ބޭނުންވާ ކަމަށެވެ.

އިއުލާންކޮށްފައިވާ ވަޒީފާތައް

 • އެއާޕޯޓް ސާވީސް އެގްޒެކްޓިވް
 • އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ
 • ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓާ
 • ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓާ
 • ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސުޕަވައިޒާ (ޓްރެއިނީ)
 • ޕަވާ ހައުސް އެޖެންޓް ޓްރެއިނީ
 • މެއިންޓަނަންސް ކޯޑިނޭޓާ
 • ލައުންޖް އޭޖެންޓް
 • ލައުންޖް ހޭންޑް
 • އެއާޕޯޓް ހޭންޑް ޓްރެއިނީ
 • ކްލިޔާ ޓްރެއިނީ

އައިއޭއެސްއިން ބުނެފައިވާ ގޮތުން ވަޒީފާއަށް މީހުން ހޮވުމުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ. މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު އައިޑީކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން އިމެއިކް ކުރަން ވަނީ އެދިފައެވެ.

ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ރަސްމީކޮށް އަންނަ މަހު ހުޅުވާއިރު، އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

އެއާޕޯޓް ހިންގަން ރަސްމީކޮށް މޯލްޑިވިއަންއާ ހަވާލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން މިދަނީ ތިން ޑޮމެސްޓިކް އެއާރޕޯޓެއް ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރުގައި ހިންގަމުންނެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ފަރާތުން މިދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. އެއްނަމްބަރ ސައިންޓިސްޓް

  އެޔަރޕޯޓް ހުޅުމުގެ ރަސްމިއްޔާތުވިޔަސް ، އެތަނުގެ ވަޒީފާއެއްއަދާކުރަންކަމުވިޔަސް އެތަނަށް ދިޔުމަށް ލަދުގަންނަންޖެހޭ މީހުންގެ ލިސްޓެއް މިވަނީއެވެ.
  1. އިބްރާހީމް މުޙައްމަދު ޞާލިޙް ( މިހާރުގެ ރައީސް)
  2. މުޙައްމަދު ކާރިމް ( އެއްލައިލި ކާރިމް)
  3. ވާވާ ޢަބްދުﷲ ޙަސަން (ކުރެދިވަރު ޢަބްދުﷲ)
  4. ޤާސިމް ޢަބްދުލްކަރީމް ( މީހުންގެ ފައިސާ އެކައުންޓްތައް ސިއްރުންބަލާ ޤާސިމް )
  މި މީސްމީހުންނަކީ މި އެޔަރޕޯޓް އެޅިޔަނުދޭން ކަށިން ހިތްވަރުނެރެ ޕެޓިސަން ހުށައެޅި މީހުންނެވެ.

  2
  1