ކޮވިޑް-19 ގެ ވޭދަނަތައް އާދަޔާ ހިލާފަށް އިތުރުވަމުން އަންނާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު އެކެއް ޖަހާއިރުއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް އާއި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ފަރާތުން، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ މެނޭޖަރު ނާޝިޔާ އަބްދުލް ގަފޫރެވެ.

ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުން މި ބާއްވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާ ފިޔަވަޅުތަކެއް އެޅުމަށާއި އާންމުން ހޭލުންތެރި ކުރުވުން އިތުރު ކުރުމުގެ ގޮތުންނެވެ.

އެޗްޕީއޭއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޔަވަޅުތަކެއް އިއުލާން ކުރިއެވެ.

ރާއްޖެ އިން އިއްޔެ އެކަނި ވެސް ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އެގޮތުން އިއްޔެ 2،349 މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، ކޮވިޑް ފެސިލިޓީ އާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި 48 މީހުން އެބަތިބިއެވެ.

މިއާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 114،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބައްޔަށް މިވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ ގިނައެވެ.

މި ބަލީގައި 270 މީހުން ވަނީ ނިޔާވެފައެވެ.