ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ އެންމެ ފުރަތަމަ ބެޗުގެ ކިޔެވުން މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މެޑިކަލް ކޮލެޖުގެ އެންމެފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެކޮލެޖަށް ބޭނުންވާ ޖާގަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތުން ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މެޑިކަލް ކޮލެޖަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް ސާމާނު މިހާރު ރާއްޖެ އައިސްފައިވާކަމަށެވެ. މީގެ އިތުރުން މެޑިކަލް ކޮލެޖުގައި ޤާއިމުކުރަންޖެހޭ ތަފާތު ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންނަށް ބޭނުންވާނެ ލެބޯޓްރީތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މެޑިކަލް ކޮލެޖް ސެޕްޓެމްބަރ މަހު ހުޅުވޭންކަމަށް މިނިސްޓަރު ވިދާޅުވިއިރު، މެޑިކަލް ކޮލެޖު ޤާއިމުކުރާ އިމާރާތުގެ މަސައްކަތް ބައްލަވާލެއްވުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ފަންގިފިލާ ވަކިވަކިން ބައްލަވާލައްވާފައިވެއެވެ. މެޑިކަލް ކޮލެޖް ޤާއިމު ކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައެވެ.

ދިވެހިރާއްޖޭގައި އަލަށް ޤައިމުކުރާ މެޑިކަލް ކޮލެޖްގެ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މެޑިކަލް ކޮލެޖްގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ އެކުލަވާލައި ނިމިފައިވާ ކަމަށާއި، ކޮލެޖަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކޮލެޖުގެ ކަރިކިއުލަމް ރިވިއުކޮށް، ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް އިންޤިލާބީ ކުރިއެރުމަކާއެކު ފެށުމަށް ތައްޔާރުވަމުންދާ މެޑިކަލް ކޮލެޖާއި ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، މެޑިކަލް ކޮލެޖުން ތަޢުލީމު ހާޞިލުކުރާ ފުރަތަމަ ބެޗަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކެއްގެ ދަށުން ތަޢުލީމު ހާސިލުކުރާނެ ދަރިވަރުންތަކެއް ކަމަށާއި، ފުރަތަމަ ބެޗަށް ދަރިވަރުން އެން-ރޯލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އަދި އުއްމީދަކީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މެޑިކަލް ކޮލެޖްގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެށުންކަމަށެވެ.

އެމް.ބީ.ބީ.އެސް ފެންވަރަށް ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދިވެހިންނަށާއި، ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒަކަށްވާއިރު، އެކަން ހާސިލުކުރުމަށް ރައީސް ޔާމީންގެ ޒައާއްމަތުގައި ގިނަ މަސައްކަތްތަކެއ ކުރައްވަމުންގެ ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން އެކަމަށް ޚާއްސަ ދެ ފަންގިފިލާ ރައީސް ހަމަޖައްސަވައިދެއްވިކަމީ ރައީސް މިކަމަށް ދެއްވާ ސަމާލުކަން ހާމަވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއިރު، ދަރުމަވަންތަ ހޮސްޕިޓަލުން އެކަމަށް ކަނޑައެޅި ދެ ފަންގިފިލާ ވަނީ މެޑިކަލް ކޮލެޖަށް ބޭނުންވާގޮތަށް ބަދަލުވެސް ކުރައްވާފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އެހެނިހެން ކަންކަންވެސް ދަރިވަރުންނަށް ފަހިވާގޮތަށް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކުރެވޭ ދިވެހިރާއްޖޭގެ މެޑިކަލް ކޮލެޖާއެކު ދިވެހި ދަރިވަރުންގެ އުއްމީދުތައް ހަޤީޤަތަކަށްވެ ރާއްޖެ ބޮޑު ކުރިއެރުމެއް ހޯއްވަވާނެކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.