ހއ. ދިއްދޫ ކައުންސިލުން އެރަށުގެ ގެތަކުން ނެރޭ ކުނި އުކާލުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަގުތަށް" ވިދާޅުވީ، އެރަށުގެ ގެތަކުން ކުނި އުކާލުމުގެ ކަންކަން ކައުންސިލުން ކުރުމަށް ނިންމާފައިވަނީ މިހާރު ގެތަކުން ކުނި ނަގަމުން އަންނަ ފެނަކަ ކުންފުނިން އެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ކަމަށެވެ. ރަޝީދު ވިދާޅުވި ގޮތުގައި އެ ހިދުމަތް ފެނަކާއިން ހުއްޓާލާނީ އަންނަ ފެބްރުއަރީ މަސް ނިމުމުންނެވެ.

އެކަން ކުރުމަށް ނިންމާފައިވަނީ ކުނީގެ މައްސަލަ ހައްލު ކުރުމަކީ ކައުންސިލްގެ މައްޗަށް ލާޒިމު ކަމަކަށްވާތީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ކޮންމެ މަހަކު ގޭބިސީތަކުން 150 ރުފިޔާ ނަގާއިރު، ސަރުކާރު އޮފީސްތަކުން 200 ރުފިޔާ ވިޔަފާރިތަކުން 300 ރުފިޔާ ނަގާނެ ކަމަށް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ.

"ގޭގައި އުފެދޭ ކުނި އަދި ކުނިވާ ޒާތުގެ ކުނިތައް ވެސް ކައުންސިލުން ދެން ނަގާނެ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި 1200 ވަރަކަށް ގެ އުޅޭއިރު، މީހުން ދިރިއުޅޭ 800 ވަރަކަށް ގެ ހުރެއެވެ. އެހެން ކަމުން  އަހަރެއްގެ މައްޗަށް ކުނި އުކާލައިގެން  2  މިލިއަނަށްް  ވުރެން  ގިނަ  ރުފިޔާ  ލިބޭނެއެވެ..

އަބްދުﷲ ރަޝީދު ވިދާޅުވީ، މިކަމަށް ބޭނުންވާ ވެހިކަލްތައް ލިބިފައިވާ ކަމަށާއި މާދަމާ ނޫން އަނެއް ދުވަހު ވެހިކަލްތައް ރަށާއި ހަމައަށް އަންނާނެ ކަމަށެވެ. އަދި ކުނި ގޮނޑަށް ބޭނުންވާ ހައިމާކަރު ވެސް ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހަރަދު ކޮށްފައިވަނީ ކައުންސިލުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކައުންސިލުން ކުނި ނެގުމުގެ ކަންކަން ކުރުމަށް ފާސްކޮށްފައިވާ ކަމަށާއި އެއާއި އެކީ މިއަދުން ފެށިގެން މޫދުގެ އިތުރުން ރަށުގެ އެއްވެސް ސަރަހައްދަކަށް ކުނި އެޅުން މަނާ ވާނެ ކަމަށެވެ. އަދި އެގޮތަށް ކުނި އަޅާ ފަރާތްތަކުން ކައުންސިލުން ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.