ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއް މޫދަށް ވައްޓާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސައިކަލަކަށް އަރައިގެން ތޮށި ގަނޑު މައްޗަށް ކައިރިކޮށް އެ ސައިކަލު މޫދަށް ވައްޓާލާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނެކެވެ. އަދި އޭނާ އެކަން ކުރި އިރު ކައިރީގައި އެއްވެސް މީހަކު ވެސް ނެތެވެ.

މިކަން ހިނގާފައިވާ ދުވަހެއް ނޭނގުނު ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަން ކަން ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މޫދަށް ވައްޓާލި ސައިކަލު ނެގުމުގެ މަސައްކަތް މެރިން ޕޮލިސް އާއި އެޗްޑީސީ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި އާންމު މީހެއްގެ ސައިކަލެއް މޫދަށް ވައްޓާލާފައިވާއިރު، މީގެ ކުރިން ވެސް އާންމުންގެ ސައިކަލުތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިރާސާ

    ސައިކަލުގައި ކަޓަރު އަޅައި ، ސައިކަލު ވަގަށް ނަގާ ވީޑިޔޯ އާންމު ވުމުން ފުލުހުންގެ ސަމާލުކަމަށް އައިސްގެން އިސްނަގައިގެން މައްސަލަ ނުބަލާ. ޖެހެނީ ކޮންމެވެސް ޕޮލިސް މަރުކަޒަކަށް ހުށައަޅަން..

  2. ސޮރުކޮއި

    އެސޮރު ހައްޔަރުކުރޭ. ދިފާއީ ވަކީލެއްވެސް މިކަހަލަ މައްސަލަ ތަކުގަ ދީގެންނުވާނެ. މަދުވެގެން 5 އަހަރުގެ ޖަލުހުކުމެއް ދައުވާކުރާދުވަހު އިއްވަންވީ. އޭރުން މިކަހަލަ ކަންތަކަށް ނިމުން އަންނާނެ.

  3. اکف

    މުސްލިމުން ކުރާ ކަންތައް

    3
    1
  4. ސެލެވެނިއުމް

    ޕާކުކުރުން މަނާތަނެއްގަ ޕާކުކޮށްފައިހުރިނަމަ ހަމަ އެއްލާލަންވީ ރަގަޅު

    14
  5. ގަލަން ތުނޑު

    ލިޔާނެ ކޮމެންޓެއް ނެތް..އެނގޭހާވެސް އެއްޗަކީ ފުލުހުންނޭ މިކިޔާ ބޭފުޅުން ނިދިން ހޭލާނީ ކޮން ދުވަހަކުން ބާވައޭ؟