ގދ. ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، މުޅި ރާއްޖޭން ވެސް އިއްޔެ ވަނީ ރިކޯޑް އަދަދަކަށް މީހުން މި ބައްޔަށް ފައްސިވެފައެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެރަށުން 50 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެރަށުން ކޮވިޑަށް އެންމެ ގިނައިން ބަޔަކު ފައްސިވި ދުވަހެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު އެރަށުން ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ 44 މީހުންނެވެ.

މިއަދު އެރަށުން ފައްސިވެފައިވާ 50 މީހުންގެ ތެރެއިން 35 މީހަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެގެން ފައްސިވެފައިވާ މީހުންނެވެ. އަދި ފްލޫ ކްލިނިކަށް ދައްކައިގެން 10 މީހަކު ފައްސިވެފައިވާއިރު، އެގްޒިޓް ސުންކުގެ ފަސް ސުންކެއް ވަނީ ބައްޔަށް ފައްސިވެފައެވެ.

މިއާއި އެކީ އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،313 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު އެރަށުގައި ބަލި ޖެހިފައި ތިބީ 118 މީހެކެވެ. އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން 1،190 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ފަސް މީހަކު ވަނީ އެރަށުން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޖޭ

    އަލިފުށި އޯކޭތަ ކަމަކުން އަރައި ނުގަނެވިގެން އުޅެނިކޮށް މިހުރީ ކުރާ ބޭކާރު ހަރަދު ހެޔޮނުވާނެ

  2. ޖާބެ

    ކުޑަހުވަދޫގައި ބަލި ޖެހުނު މީހުންގެ ޢަދަދު 200އަށް އަރަނީ... ކުރިން މީހުން ޖަލަށްލާ އުޅުނު ކައުންސިލް މިހާރު ނިދާފަ...