ބޭރުގެ ގައުމުތަކުގެ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ދިވެހި ކުދިން ރަޖިސްޓަ ކުރުމާބެހޭ އުސޫލެއް އެކުލަވާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ރަޖިސްޓްރީ ކުރުން ލާޒިމްވެއެވެ.

ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީ ކޮށްދެވޭނީ އެ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.

ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވާ އޮފް އެޓާނީ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓާ ކުރުމަށާއި އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް ފޯމު މެދުވެރިކޮށް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓއެއްގެ ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކުއްޖެއްގެ އުފަން ދުވަހުގެ ސެޓުފިކެޓު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލުން ހަދައި ދޭންވާނެ ކަމަށްވެސް އުސޫލުގައި ބުންޏެވެ.

ބޭރުގައުމުތަކުގެ ހިނގާ ހަނގުރާތަމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެންމެ ގިނައިން ދިވެހިން ބައިވެރިވަނީ ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައެވެ.

އާއިލާއަށާއި ސަރުކާރަށް އޮޅުވާލައިގެން ބައެއް މީހުން ސިރިޔާއަށް އެތެރެވަނީ ތުރުކީންނެވެ. ނިރުބަވެރިކަން ހުއްޓުމަށް ހަދާފައިވާ އިދާރާ، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން ނަމަ އާބާދީގެ ގޮތުން ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި އެންމެ ގިނައިން ބައިވެރިވަނީ ދިވެހިންނެވެ.

ސީރިޔާގައި ހުންނަ "ހައުލް ކޭމްޕު" ގައި މީގެ އެތައް ބަޔަކު މިހާރުވެސް އެބަތިއްބެއެވެ. ހަނގުރާމައަށް ދިޔަ މީހުން އަންނަންވެގެން އެ މީހުންގެ އާއިލާތަކުން ދަނީ ސަރުކާރުގައި އެދެމުންނެވެ. އެކަމަކު އެ މީހުން ގެނައުމަށް ސަރުކާރަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ އެ ތަންތަނަކީ ސީރިޔާގެ ބާރުވެސް ހިނގާ ސަރަހައްދުތަކަށް ނުވާތީއެވެ.

ސަރުކާރުގެ އަމާޒަކީ މިހެން ގެންނަން މީހުން ރިހިބިލިޓޭޓް ކުރުމެވެ. އެކަމަށްޓަކައި ހާއްސަ ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ. ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ އަދަދު އިތުރުވަމުންދާކަމީ އެންސީޓީސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހާމިދު ޝާޙިދު

  ތީ ވަރަށް ކަޑަ ކަމެއް. އެހެނީ ރާއްޖެ ބަދުނާމު ކޮށްފައި، ހަނގުރާމަ ވެރި ސަރަހައްދަކަށް އަމިއްލެއަށް ދެމަފިރިން ގޮސް ނުވަތަ އަންހެނުން ގޮވައިގެން ގޮސް، އުފަންވާ ކުދިންނަކީ ދިވެހި ކުދިންކަމަށް ހަދައިގެން ނުވާނެ. އެކުދިންނާ ހަވާލުވާޏްޖެހޭނީ އދ އިން. ރާއްޖެއަކުންނޫން. ރާއްޖޭން ހަވާލުވާންޖެހޭނަމަ، އެމީހުން ހަނގުރާމައަށް ދާނީ ދިވެހި ސަރުކާރުގެ ހުއްދަ ހޯދައިގެން.

  10
  7
  • ބުއަދި

   ހަގުރާމައަށް ދިޔަސް މަހަށް ދިޔަސް އަވަށްޓެރި ގައުމަކަށް ހިޖުރަކުރިޔަސް ދިވެހި ދެމަފިރިޔަކަށް ލިބޭ ކުއްޖާ އާމެދު އެދެމަފިރިންގެ ރުހުން އޮތްނަމަ ޖެހޭނީ ރަޖިސްޓަރީ ކުރަން. ތިމާ ހިތަށް އަރާހާ ކަމެއްގައި ގާނޫނު ލަންބަން އުޅުމަކީ މޮޔައިންގެ ސިފައެއް.

   5
   3
 2. ހލދ

  ހަގުރާމަތަކުގައި ބައިވެރިވާ މީހުން ދިވެހި ރައްޔިތުންގެ ފައިސާއިން ރާއްޖެ ގެންނާނެ ކަމެއްނެތް ދިޔަ ގޮތަކަށް އަންނާނެއްނު އެމީހުން.އަހަރެމްނަށް ރަނގަޅީ ނައްޔާ.ގައުމީ ސަލާމަތައް ހުރިި ބޮޑު ނުރައކަލެއް މި މީހުންނަކީ.

  2
  3
 3. Anonymous

  ފުރަތަމަ ސުވާލަކީ ހަނގުރާމައިގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ ކޮބާ؟
  ދެވަނަ ސުވާލަކީ ހަނގުރާމައެއް ނެތް ތަނެއްގަ ހުއްޓަ އެތަނެއްގައި ހަނގުރާމަ ފެށިއްޖެނަމަ އެތަނަށް އުފަންވާ ކުއްޖާވެސް ރަހިސްޓްރީ ވާންޖެހޭނެހޭ؟

  3
  1
 4. ނާޅި

  ކުދިންގެ ބައްޕަ ނިޔާވުމުން ކުދިން ނަކީ ޝަރުޢީ ކައިވެނި ކޮށްގެން ލިބިފައިވާ ކުދިންކަން ނުވަތަ ޝަރުއީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުދިންކަން ދަނެގަންނާނީ ކޮންގޮތަކުންތޯ ކައިވެނީގެ އެއްވެސް ލިޔުމެއްވެސް ނެތި ؟