އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ގެ ބަދަލުގައި "ބަފާ އައުޓް" ޖަހަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގޮވާލެއްވުމުން އެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާއެއްގައި ވައްޑެ އެހެން ވިދާޅުވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ލުމުން އެ ކަމަށް އިޝާރާތް ކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ސައީދު ވިދާޅުވީ، "ބަފާ އައުޓް" ކޮށްގެން ހުންނެވީ ރައީސް ސޯލިހް ކަމަށެވެ. އެމަނިކުފާނު އަމިއްލަފުޅަށް އިސް ލީޑަރަށްވެ، ޒަމާންވީ ސިޔާސީ ބައިވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދެކޮޅަށް ނުކުންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިކަން ކޮށްފި، ރައީސް ސޯލިހް އަމިއްލަފުޅަށް އިސް ލީޑަރަށް ބަދަލުވެ، މެންބަރު ތިވިދާޅުވި ބަފާ އައުޓް ކޮށްފި،" ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ނަޝީދުއާއި ދެމެދު އުފެދިގެން ދިޔަ ނުތަނަވަސް ކަމަށް އިޝާރާތް ކުރައްވައި ސައީދު ލިޔުއްވާފައިވެއެވެ.

"ވަގުތު" ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ލިންކް ޚިއްސާ ކުރައްވައި ސައީދު ކުރެއްވި އެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، އިންޑިއާ ސިފައިން ފައިބަން އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ އެ ފަރާތްތައް ރާއްޖޭގައި ތިބުމުންނާއި އެއީ ގާނޫނު އަސާސީއާއި ޚިލާފު ކަމަކަށް ވާތީ ކަމަށެވެ.

"ރައްޔިތުން އެކަން ކުރާނެ، ވަރަށް އަވަސް ވާނެ،" ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހްއާއި ރައީސް ނަޝީދުއާއި ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި، ނަޝީދު ގެންދެވީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. އަދި ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވިއިރު، ރައީސް ވެސް ގެންދަވަނީ ދެވަނަ ދައުރުގެ ކެމްޕޭން ހިންގަވަމުންނެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫން އެންމެ ފުރަތަމަ އެ ޕާޓީން ވަކިކުރިއެވެ. ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު، މައުމޫން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީއެވެ. އަދި ފަހުން މައުމޫން ހައްޔަރުކުރީ ޔާމީންގެ ވެރިކަން ވައްޓާލަން ފަނޑިޔާރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ. މައުމޫން މިނިވަންވީ، ރައީސް ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަސަ

    ސައީދު ...ތީިތި ސަޅި...ހަބޭސް ހަމަ.

    24
    1
  2. ނޫނޭ

    ފީފީއެމް އުފެއްދި މައުމޫނު ބަފާއަތުން ޕާޓީ ފޭރިގަނެ ބަފާ އައުޓުކުރި ހަނދާން ސަޢީދު ނެތުމުން ތިވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ.

    1
    7