އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުވެސް ރައީސުލްޖުލްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހު ހެނދުނު ނުވައެއް ޖަހާއިރުއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވަން ޖެހެއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލުމާތު ރައްޔިތުންގެ މަޖިލީހުގައި ރައީސް އިއްވަވަން ޖެހެއެވެ.

މީގެ އިތުރުން ރައީސްގެ ރިޔާސީ ބަޔާނަށް އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ޕާޓީ ނުވަތަ މަޖިލީހުގައި ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ލީޑަރު ރައްދެއް އިއްވަވަން ވެސް ޖެހެއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން 2019، 2020، އަދި 2021 ގައި ވެސް ރިޔާސީ ބަޔާން އިއްވިއެވެ. ދެން އިއްވަވަނީ އެމަނިކުފާނުގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.

މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ ރައީސް ލީޑް ކުރައްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވިއިރު، އަދިވެސް އެ ޕާޓީގެ 64 މެންބަރުން ތިއްބަވާނެއެވެ.