ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް، ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ޖަނަވަރީ 23 އިން 29 އަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، ޑިޕްލޯއިކޮށްފައިވާ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓްގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓެއް ވަނީ ޑިޕްލޯއިކޮށްފައެވެ. އަދި، އެ ކޮންޓިންޖެންޓް ޑިޕްލޯއިކޮށްފައިވާ މުއްދަތު އިތުރުކޮށް، މިހާރު ވެސް އެސެންޓަރުގައި ދިވެހި ސިފައިންގެ ކޮންޓިންޖަންޓުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 29 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެންބެ

    ޔަމަނުގެ އެތައް މުސްލިމުންގެ ބޮލަށް މިސައިލް އާ ބޮން އަޅައި މަރާފައި އަދި އޭގެ ސަބަބުން އެތައް މިލިޔަން މުސްލިމުން ހާލުގައި ޖެހި އަދި އެމެރިކާއާއި އިސްރާއީލް އާއި ގުޅިގެން މެދުއިރުމަތީގެ މުސްލިމުންގެ ބިންތައް ފޭރި އެތައް މިލިޔަން މުސްލިމުން މަރަމުން ދާއިރު ދެން ކޮން ތަނަކުން ހަރުކަށި މީހުއްނާ ޓެރަރިސްޓުން ހޯދަން
    އުޅޭ މީހެއްތަމީ

    15
    1
    • ހަސަންބެ

      ހުސޭނާ، ދީނާ ދުނިޔޭގެ ކަންކަން ނޭނގެންޔާ އަނގަ މަޑުން ލައިގެން ހުރެބަލަ

  2. ޒަމީރު

    ރަނގަޅ
    ސުލައިމާނު އުލްވާން، ތުރައިފީ ފަދަ މީހުންނަށް ފޮލޯ ކުރާ ތަކްފީރީ ފިކުރު މީހުން ވަރަށް ރުޅި އަންނާނެ

  3. ލޮލް

    ސައޫދީގެ ވެރިންނަކަށްވެސް މިހާރަކު އިތުބާރެއް ނުކުރެވޭ.. މިހާރު ސައޫދީންވެސް އަދާކުރަނީ އެމެރިކާއާއި ޔޫރަޕު ގައުމުތަކުގެ ގޮނޑި ކޮއްކޮއެއްގެ ދައުރު.

    14