ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ހެކި ނެތިގެން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (ދާންދޫ އާސިފް) މައްޗަށް ދައުވާނުކުރަން ފުލުހުން ނިންމައިފިއެވެ.

އާސިފްގެ ވަކީލު އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން "ވަގުތު"އަށް މިއަދު ވިދާޅުވީ ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފުލުހުން އާސިފްއާ ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފޯނުންވެސް އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައިނުވާތީވެ އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާއި މައްސަލަ ފައިލްކޮށްފައިވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

ދައުލަތުގެ ސިއްރު ބޭޒާރު ކުރި މައްސަލާގައި ދައުވާކުރެވޭ ވަރަށް އެކަށީގެންވާވަރަށް ހެކި ނެތިގެން މައްސަލ ފައިލް ކުރިކަން މިދިޔަ ޑިސެމްބަރު މަހު ފުލުހުން ވަނީ އޭނާއަށް ލިޔުމުން އަންގާފައެވެ. މުހުތާޒު ވިދާޅުވީ ރައްޔިތުންގެ އިންތިހާބު ކޮށްފައިވާ މީހަކަށް ސިޔާސީ ނުފޫޒުން އެ ފަދަ ތުހުމަތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކާ ގުޅޭ މައުލޫމާތު ލީކްކޮށްލި މައްސަލައިގައި ހަތަރު މީހެއްގެ ފޯނު ހިފަހައްޓައި އެ މައްސަލަ ފުލުހުން އައީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި އާސިފްގެ ފޯނު ވެސް ހިމެނެއެވެ. އާސިފްގެ ފޯނު ހިފެހެއްޓީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

ފުލުހުން ދާންދޫގައި ހިންގަން އުޅުނު އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކޮށްފައި ވަނީ އާސިފްގެ ދެބައިންގެ ދެ ދަރި މީހަކަށެވެ.

ނަމަވެސް އޮޕަރޭޝަންގެ މައުލޫމާތު ލީކްވެ ފުލުހުން އޮޕަރޭޝަން ހިންގި އިރު ބަލާ ފާސް ކުރި ތަންތަނުން މަސްތުވާތަކެތި ވަނީ ގެއްލުވާލައިފައެވެ. މިހާތަނަށް ހިންގި ތަހުގީގުގައި ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހާ އާއި ކައުންސިލް ރައީސްގެ ފޯނުން ވެސް އޮޕަރޭޝަނާ ގުޅޭ މައުލޫމާތުގެ ވާހަކަ ދެކެވިފައި ހުރި ޗެޓްލޮގްތައް ހޯދިއެވެ.

ފޯނުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ކައުންސިލްގެ ރައީސް ވަނީ ތުހުމަތު ކުރެވޭ މީހާ އަށް އެކި ގޮތް ގޮތުން އޮޕަރޭޝަންގެ މައުލޫމާތު ހިއްސާ ކުރުމަށް ގުޅަން މަސައްކަތްކޮށްފައެވެ. އަދި ތަކުރާރުކޮށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެ މީހުން ވާހަކަ ދައްކާފައި ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަމަށްވެއެވެ.