ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދަން ފެށި އެންޓިޖެން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެގެން އެ ޓެސްޓް ހެދި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.

އެޗްޕީއޭ އިން އެންޓިޖެން ޓެސްޓް ހަދަން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު، ބައެއް ބޭސްފިހާރަތަކުންނާއި އަމިއްލަ ބައެއް ފަރާތްތަކުން ޓެސްޓް ކިޓްތައް އައީ ދުވަސްކޮޅެއް ކުރިން ވިއްކަމުންނެވެ. ރާއްޖޭގެ ބާޒާރުގައި ޓެސްޓް ކިޓެއްގެ އަގު އުޅެނީ 150ރ. އަށެވެ.

އެންޓިޖެން ޓެސްޓު ހަދަން ފެށުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެޗްޕީއޭ އިން ކުރިން ބުނި ނަމަވެސް، އެ ޓެސްޓް ހެދި ބައެއް މީހުން އެކަން ދޮގުކުރެއެވެ. އެމީހުން ބުނީ ނަތީޖާ ލިބެނީ ޓެސްޓް ހެދިތާ އެތައް ގަޑިއިރެއް ފަހުން ކަމަށާއި މިއީ އެޗްޕީއޭ އިން ރައްޔިތުންނަށް އޮޅުވާލި ކަމެއް ކަމަށެވެ.

"އަޅުގަނޑު ޓެސްޓް ހެދީ ހޯމަ ދުވަހު ހެނދުނު. އެކަމަކު ނަތީޖާ ލިބުނީ ހަވީރު ފަހެއް ޖަހަނިކޮށް،" ހުޅުމާލޭގެ ރުއްގަނޑު އެކެއް ސަރަހައްދުން އެންޓިޖެން ޓެސްޓްގެ ނަތީޖާ ހެދި މީހަކު ކިޔައި ދިނެވެ.

"އެތަނުގައި ޓެސްޓް ކުރަން ތިބޭ މީހުން ބުނަނީ ގިނަވެގެން 12 ގަޑިއިރޭ ވާނީ،"

އެންޓިޖެން ޓެސްޓް ހަދަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުންގެ އެކަންޏެވެ.

ބޭސްފިހާރަތަކުންނާއި އަމިއްލަ ފަރާތްތަކުން ވިއްކާ އެންޓިޖެން ޓެސްޓުގެ ނަތީޖާ ލިބެން، ގިނަވެގެން ނަގަނީ 15 މިނެޓެވެ. އެކަމަކު، ބައެއް ކިޓްތަކުން މިނެޓެއްގެ ތެރޭގައި ވެސް ނަތީޖާ ލިބެއެވެ.

"އެޗްޕީއޭ އިން ހަދާ އެންޓިޖެން ޓެސްޓާއި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބޭ ވަގުތާ މާ ބޮޑު ތަފާތެއް ނުހުރޭ. ހަމަ އެއްގޮތެއް މި ވަނީ،" އެންޓިޖެން ޓެސްޓް ހެދި އިތުރު މީހަކު ކިޔައި ދިނެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ އެންޓިޖެން ޓެސްޓުގެ ނަތީޖާ އާންމުންނަށް ލިބޭވަރު ވާނީ 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. ނަތީޖާ އާންމުންނާ ހަމައަށް ދިއުން ލަސްވާ ސަބަބަކީ އެޗްޕީއޭގެ ސިސްޓަމަށް އަޅަން ވަގުތުތަކެއް ނަގާތީ ކަމަށް ވެސް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.

"ނަތީޖާ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ލަސްތަކެއް މި ވަނީ. އެއީ ސިސްޓަމަށް އެންޓަކޮށް، ޕޯޓަލް މެދުވެރިކޮށް ފެންނަ ގޮތް ހެދުމަށްޓަކައި. އެހެންވެ އެ ލަސްވުން ދިމާވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ޓެސްޓް ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް 7،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ. އެހެންވެ، ކޮވިޑްގެ ސުންކު ނަގާ ސެންޓަރުތަކުގައި އަބަދުހެން ބޮޑު ކިއުއެއް ދަމާލާފައި އޮވެއެވެ.

ސުންކު ނަގާ ތަންތަނަށް މި ދުވަސްވަރު ބާރުބޮޑުވި ނަމަވެސް، އެޗްޕީއޭ މެދުވެރިކޮށް ހިލޭ ހަދާ ޕީސީއާރު ޓެސްޓުތަކުގެ ނަތީޖާތައް ވެސް ލިބުމުގައި ވަނީ ލަސްތަކެއް ދިމާވެފައެވެ. އެގޮތުން ނަތީޖާ ނުލިބި 2-3 ދުވަސްވާ ފަހަރު ވެސް އަންނަ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 7،681 މީހަކު ޓެސްޓުކޮށް އޭގެ ތެރެއިން 2،707 މީހަކު ކޮވިޑަށް ފައްސިވިއެވެ. އެކްޓިވް ވޭދަނަތަކުގެ އަދަދު އުޅެނީ 15،721 ގައެވެ. ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން މި ވަގުތު ފަރުވާދެމުންދަނީ 52 މީހުންނަށެވެ. ރާއްޖެއިން 120،168 މީހަކަށް ވަނީ ބަލިޖެހިފައެވެ. މި ބަލީގައި 270 މީހަކު ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ސުންކު ނަގާ މީހުންގެ އަދަދު އިތުރުވެފައިވާތީ ފަސް ތަނެއްގައި ސުންކު ނެގުމަށްޓަކައި ސެންޓަރުތަކެއް ވަނީ ގާއިމުކޮށްފައެވެ. އެއީ ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑާއި ހުޅުމާލެ ރުއްގަނޑު އެކަކާއި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ވިލިމާލެ ފްލޫ ކްލިނިކެވެ.

އެ ތަންތަނުގެ ތެރެއިން އެންޓިޖެން ޓެސްޓިންގެ ހިދުމަތް ލިބެނީ ސޯޝަލް ސެންޓަރާއި ހެންވޭރު ފުޓުބޯޅަ ދަނޑާއި ހުޅުމާލޭ ރުއްގަނޑު އެކެއްގެ އިތުރުން ހުޅުމާލެ ހިޔާ ފްލެޓް ކައިރީ ހުރި ސެންޓަރުންނެވެ. މި ސެންޓަރުތަކުން ސުންކު ނަގަން ވަކި ވަގުތެއް ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ޓެސްޓް ކުރުމުގެ 2 ގަޑިއިރު ކުރިން ނަތީޖާ ލިބޭ ކިޓެއް ތަޢާރަފްކުރޭ އަވަހަށް

  2. ފިޗް

    ހުޅުމާލޭ އެތަން މިތަން ހަވާލުކޮށްފަ ހުރި (ހުޅުމާލޭ ހޮސްޕިޓާ ހިންގާ މީހާ) މީހާގެ އަންހެން ކޮއްކޮ ހިންގާ ކުރިސްޓަލް ކުލިނިކަށް ޖައްސާލާ. ވަގުތުން ޓެސްޓު ހެދޭނެ.

  3. ފާތުމަ

    ނަތީޖާލިބޭ އެކަމަކު ޑޭޓާއެންޓަރ ކުރަން ޓައިމްނަގާނެ ކެއްކުރުން ވެސްއޮވޭދޯ.

  4. ރާއްޖެ

    މިއުޅެނީ ހެލްތް ކެއަރ ވޯކާސް މަދު ވެގެން. ސާމްޕަލް ނަގާފަ އެ ޓެސްޓް ކޮއްފަ ޑޭޓާ އެންޓަރ ކުރަން ތިބެނީ އެއްބައެއް. ކަލޭމެންނަށް ގޭގަ 12 ގަަޑިއިރު ވަން ދެން މަޑު ނުކުރެވެނީތަ؟