ރާއްޖޭގައި އަށަގެންފައިވާ ވޯޓު ގަނެވިއްކުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއިން ނިމިދިޔަ އަހަރު 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ދިޔުމާއި ގުޅިގެން ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގައި އަދިވެސް ފަހަތަށް ޖެހޭކަން ފާހަގަވާ ކަމަށެވެ.

މިގޮތުން ސީޕީއައި އިންޑެކްސްގެ މެދު ދަރަޖައިގެ އިންޑެކްސްއެއް ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ ގްރޭންޑް ކޮރަޕްޝަން ފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އަދިވެސް އޮތްކަންކަން ފާހަގަކޮށް އެބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މަދު ބަޔަކު އަދިވެސް އަމިއްލަ މަންފާއެއް ހޯދުމަށްޓަކައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށާއި އެހެންކަމުން މި މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ މިންވަރު ކުޑަކޮށް ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ޓްރާންސްޕޭރެންސީން ގޮވާލާފައިވާ ގޮވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ ދަށުުން ސަރުކާރުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅުތައް އަޅާ އެފަދަ އަމަލުތައް މޮނިޓަރ ކުރުމާއި ވެރިފައިކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި ހާމަކޮށް ބޮޑު، ވަގުތުން މައްސަލަ ތަހުގީގުކުރަން ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް އިތުރުކުރުމަށާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަކީ އެކަށިގެންވާ ފަންޑާއި ވަސީލަތްތައް ލިބި، މަސްއޫލިއްޔަތު އަދާކުރުމުގެ މިނިވަންކަން ލިބިފައިވާ ޖަމާއަތްތަކެއްކަން ކަށަވަރުކުރުމަށް ވެސް މިއަދު ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޑިމޮކްރަސީ ހިމާޔަތްކޮށް މަދަނީ މާހައުލު ހިމާޔަތް ކުރުމަށާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ފަދަ ގާނޫނުތައް ތަންފީޒުރު ކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރު ކުރެވޭނެ ގޮތްތަކަށް މަގުފަހި ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގައި އަށަގެންފައިވާ ވޯޓު ގަނެވިއްކުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދިނުމަށް ފަހު އެކުލަވާލާ އިންޑެކްސް ސީޕީއައިގާ ރާއްޖެ ވަނީ ދިހަ ދަރަޖަ ދަށަށް ޖެހިފައެވެ.

މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެކެވެ. ސުމެއް ލިބެނީ ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ގައުމުތަކަށެވެ. 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމުގައި ހާމަކަން ބޮޑު ގައުމުތަކަށެވެ. އަންގާރަ ދުވަހު އާންމުކޮށްފައިވާ އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ބަލަ ސޯލިބެ ބުނީ ޒީރޯ އޭ ކަލޭމެނަން އެކަމެއްނޭންގޭތަ ؟

  2. ލޮލް

    ނޭވަޔަކު ދެކޮޅު ތިހެން ކިޔަސް ހުއްޓޭނެތަ؟ ވޯޓު ގަނެ ވިއްކުން ހުއްޓުވަން ބަޔަކު އެބައުޅޭތަ؟ ވޯޓު ގަނެވިއްކިޔަސް އެޅޭނެ ފިޔަވަޅެއް ދޭނެ އަދަބެއް އެބަ އޮތްތަ؟ ވޯޓު ގަނެ ވިއްކާތަ؟