ގދ.ތިނަދޫން ވެސް މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތިނަދޫން މިއަދު ވަނީ 60 މީހުން ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ތިނަދޫގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ތިނަދޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. ނަމަވެސް އަލަށް ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 204 އަށް އަރައެވެ. ތިނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު އެއްވެސް މީހަކަށް ފަރުވާ ދެމުންނެއް ނުދެއެވެ.

ތިނަދޫން ކޮވިޑަށް ޓެސްޓް ކުރުމަށް ސުންކު ނެގި 218 މީހެއްގެ ނަތީޖާ އަދިވެސް ނުލިބި އެބައޮތެވެ.

ތިނަދޫގެ ކޮވިޑް ހާލަތު ގޯސްވެ ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސް އެޗްޕީއޭގެ ހުއްދަ ނެތި އަރައި ފޭބުން މަނާ ކޮށްފައެވެ. އަދި މިރެއިން ފެށިގެން އެރަށުގައި ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ތިނަދޫގައި ކާފިއު ހިންގުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. ނަމަވެސް ހާލަތު ރަނގަޅު ނުވާނަމަ ކާފިއުގެ މުއްދަތު އިތުރު ކުރުން އެކަށީގެންވެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު އެންމެ ގިނަ މީހުން ފައްސިވަމުންދާ ރަށްތަކުގެ ތެރޭގައި ގިނައީ ގިނައިން މީހުން އަރައި ފައިބާވާ ބޮޑެތި ރަށްތަކެވެ. އޭގެތެރޭގައި ތިނަދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަށް، ލ.ގަން، ދ.ކުޑަހުވަދޫ، ހދ.ކުޅުދުއްފުށި ހއ.ދިއްދޫ ފަދަ ރަށްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު