އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ގޮތަށް ނިންމައިފިއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މާދަމަ މެންދުރުފަހު މެންދުރު ފަހު ތިނެއްގެ ނިޔަލަށެވެ. އީސީން ބުނީ ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ވޯޓުފޮށީގެ މައުލޫމާތު އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް ބުންނެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ.

ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މި ކޮމިޝަނުގެ އީމެއިލް އެޑްރެސްއިންނެވެ. އީސީން ބުނީ މީހުން ރީ ރަޖިސްޓްރީކުރަން މިހާތަނަށް 1200 އެއްހާ މީހުން ހުށަހަޅާފައިވާ ކަމަށެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.

ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށްވެސް މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ފުުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުންނެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން މިހާތަނަށް ތިން ޝަކުވާއެއް ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފިއެވެ. އެ ޝަކުވާތައް ހުށަހެޅީ އިދިކޮޅު ޕީޕީއެމުން ކަމަށެވެ.

ދެ ޝަކުވާއަކީ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ވާދަވާރި ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ބުނެ ކުރި ޝަކުވާއެކެވެ. އަދި އެއް ޝަކުވާއަކީ އޮފިޝަލުންނާ ގުޅުން ހުރި ޝަކުވާއެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ ޝަކުވާތައް އީސީގެ ކޮމްޕްލެއިންސް ބިއުރޯއިން ބަލަމުންދާ ކަމަށެވެ. އަދި އެކަން ޕީޕީއެމަށް އަންގާފައިވާނެ ކަމަށާއި ކޮމްޕްލެއިންސް ބިއުރޯއިން ބެލުމަށް ފަހު ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނު ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ވާދަކުރައްވަނީ މޫސާ ފަތުހީއެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.