އާދީއްތަ ދުވަހު މެލޭޝިއާގައި ކުއްލި ގޮތަކަށް ނިޔާވި ހުމަދު ރިޔާޒީ މުހައްމަދު، ރަށްޓެހިންގެ ނަމުން ނަމަ ޑާޑިގެ ހަނދާނުގައި އޭނާގެ ރަހުމަތްތެރިން އޮންލައިން ތައުޒިއާގެ ދަފްތަރެއް ހުޅުވައިފިއެވެ.

ދިވެހި ޑިވަލޮޕަރުންތަކެއް އިސްކޮށް ތިބެ އުފައްދާފައިވާ ލޮޓީފައިލްސްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައި ހުއްނަވަނިކޮށް ނިޔާވި ޑާޑިގެ ހަނދާނުގައި ހުޅުވި އޮންލައިން ދަފްތަރުގައި އޭނާ އާއި ގުޅޭ ގޮތުން ފާޅުކުރާ ޝުއޫރުތައް ފަހުން ފޮތަކަށް ޕްރިންޓްކޮށް އާއިލާ އާއި ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

މިހާރު ވެސް ޑާޑިގެ ވަރަށް ގިނަ ރަހުމަތްތެރިން ވަނީ ތައުޒިއާގެ ދަފްތަރުގައި ޑާޑިގެ ތަފާތު ހަނދާންތަކެއް ލިޔެފައެވެ.

އޭގެތެރެއިން އެކަކު ކަމަށްވާ ޝާފިއު ހުސެއިން ލިޔެފައިވާ ގޮތުގައި ޑާޑިއަކީ ލިބޭނެ އެއްޗެއް ނުބަލައި އެހެން މީހުން ބޭނުންވާ ކަންތައްތައް ކޮށްދެމުން އައި މީހެއް ކަމަށެވެ. މިއަދު ބޭނުން ވަނީ ޑާޑިއަށް އަލްވަދާއު ކިޔަން ނޫން ކަމަށާއި މިއަދު ބޭނުން ވަނީ ޑާޑި ކޮށްދިން ކަންކަމަށް ޝުކުރު އަދާކުރަން ކަމަށް ޝާފިއު ހުސެއިން ލިޔެފައި ވެއެވެ.

އަހްމަދު އަލީ ޖަލީލް ލިޔެފައިވާ ގޮތުގައި ޑާޑި ފަދައިން އެހެން މީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްފައިވާ ޝަހްސިއްޔަތުން ފަހަކަށް އައިސް ނުފެންނަ ކަމަށެވެ. އޭނާ އަކީ ޒުވާނުންނަށް ހުރި މިސާލެއް ކަމަށް އަހްމަދު އަލީ ޖަލީލް ލިޔެފައި ވެއެވެ.

ޑާޑި އަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާގައި ގިނަ ހިދުމަތްތަކެއްކޮށް ބޮޑެތި ބަދަލުތަކެއް މިދާއިރާއަށް ގެނެސްފައިވާ މީހެކެވެ. ޑާޑި ވަނީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެލައިޑްގައި 11 އަހަރު މަސައްކަތް ކުރި އެވެ. އެތަނުގައި އެންމެފަހުން އަދާކުރީ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމެވެ. ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އޭނާގެ ބެލުމުގެ ދަށުންނެވެ.

ޑާޑިގެ ބައެއް ހިދުމަތްތައް

ލައިފް ސްކިލްސް ދަސްކޮށްދޭ މެލޭޝިއާގެ ޕްލެޓްފޯމެއް ކަމަށްވާ "މައިންޑް ވެލީ" ގެ ސީނިއާ ޕްރޮޑަކްޓް މެނޭޖަރުކަމާއި ހެޑް އޮފް އިންފްރާސްޓްރަކްޗާ އެންޑް ސެކިއުރިޓީގެ މަގާމު އަދާކުރި.

- އެމްއެމްއޭގައި މޮބައިލް ފޯން ބޭންކިން ޔުނިޓްގެ އެސިސްޓެންޓް މެނޭޖަރުކަން ކުރި.

- ދިވެހި އިންޝުއަރެންސާއި އެންސިސް ފިޝަރީޒްގައި އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓްގެ މަގާމު އަދާކުރި.

- އަލަށް މަސައްކަތްކުރަން ފަށާ ޑިވެލޮޕަރުންނަށް އެހީވުމަށް ހިލޭސާބަހަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށްވާ ކިކްސްޓާގައި އިސްކޮށް އުޅުނު.

- "އޭންޖަލް ހެކް" ގެ ނަމުގައި ރާއްޖޭގައި ހެކަތޯންއެއް ބޭއްވި.

- ސައިންސަށް މުޖުތަމައު ހޭލުންތެރިކުރުވަން އުފެއްދި "ސައިންސް އެންމެނަށް" ޖަމިއްޔާގެ އިސް ވޮލަންޓިއަރެއް.

- އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ސްޓާޓްއަޕް ވީކެންޑުގެ ނަމުގައި ހަރަކާތެއް ބޭއްވި.

ޑާޑިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    ކީކޭ ދެއް ބުނާނީ.. އަބަދުވެސް ބޭނުންވާނީ ހެޔޮދުވާ ކޮއްދޭނެ ބަޔަކު ވޭތޯ.

  2. އައްޒާމު ހުޅުމާލެ ފިތުނަ

    ދަފްތަރަކުން ކުރާނެ ފައިދާއެއްނެތް.އޮތީ ހެޔޮއަމަލުކުރުން ދިރިތިބީން ހެޔޮދުއާކުރުން.