ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިފައިންގެ ފްލެޓުތައް ކުރިމަތީގައި އޮތް ހުސް ބިމުގައި ރޭ އަލިފާން ރޯވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ސަރަހައްދުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ރޭ 10:30 ހާއިރުއެވެ. އޭރު އަލިފާން ގަނޑު އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަލިފާނުގެ ހާދިސާގައި ރޯވީ އެ ސަރަހައްދުގައި ހުރި ހިކި ގަސްތަކެއްގައި އެކަންޏެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަތަރު ގަޑިއިރެއްހާ އިރު ފަހުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް އައިއިރު، އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް ހޯދިފައި ނުވާ ކަމަށެވެ.

"އެއީ ހާމައަށް އޮތް ބިމަކަށް ވެފައި، ހިކި ގަސްތަކާއި ކުނި ގިނަ ބިމަކަށްވާތީ މީހަކަށް ނޭނގި އެއްލާލެވޭ ސިނގިރޭޓު ބުރިއަކުން ވެސް ރޯވުން އެކަށީގެންވޭ." އޮފިޝަލް ވިދާޅުވިއެވެ.

"ރޯވުމަށް މެދުވެރިވި ސަބަބަކީ ގަސްތުގައި ކުރި ނުވަތަ ނޭނގި ކުރެވުނު ކަމަކުން ހިނގި ހާދިސާއެއް ކަން ބުނާކަށް ނޭނގެ."