މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ގުޅީފަޅު ނުހިމެނުމާއި ސިޓީ ކައުންސިލްގެ ވިސްނުމާ ޚިލާފަށް ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރަން ސަރުކާރުން ގެންދާ މަޝްރޫއު އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ފާސްކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ސިޓީ ކައުންސިލް ބައްދަލުވުމުގައި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ގުޅީފަޅަކީ މާލެ ރައްޔިތުން ގެދޮރުވެރި ކުރުމަށް އެކަނި ޚާއްސަ ވާން ޖެހޭ ރަށެއް ކަމުން ގުޅީފަޅުގެ މައްސަލާގައި ކޯޓަށް ދާން ޖެހޭ ކަމުގައެވެ.
އޭގެ ފަހުން ގިނަ މެންބަރުންތަކެއް އެ ކަމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއެވެ. އެހެންކަމުން ކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅޭ ގޮތުން ވޯޓަށް އަހަން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ.
މިހާރު މި ހިނގާ ހަތަރުވަނަ މާލެ ސިޓީ ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި މި ގޮތަށް މައްސަލަ ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވިއެވެ. މޭޔަރުގެ އިތުރުން 18 މެންބަރުން ތިއްބަވާ ކައުންސިލްގެ ދެ މެންބަރަކު އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި ގޮތަށް ފާސްކުރުމުން މޭޔަރު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމަށް ސިޓީ ކައުންސިލްގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްއަށް މިއަދު އަންގަވާނެ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވާން ގާނޫނީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.
Mayor Ge Visnumakee Gulheefalhun 200 Hector Ge Bin Male Ah Hoadhunhttps://t.co/fYnsudopWr
— Vaguthu Online (@VaguthuOnline) July 18, 2021
މި މައްސަލައާއި ގުޅިގެން މޭޔަރު މުއިއްޒު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ކަމާއި ބެހޭ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިންނާއި ވެސް ބައްދަލު ކުރައްވައިފައެވެ. ނަމަވެސް މިހާތަނަށް ވެސް އެދެވޭ ޖަވާބެއް ސަރުކާރުން ދީފައެއް ނުވެއެވެ.
ގުޅީފަޅުގެ މަޝްރޫއުއާ ގުޅިގެން މޭޔަރު ވަނީ ވިޔަފާރި ބަނދަރު އެޅުމަށް ފަހު، އެ ސަރަހައްދުގައި އިތުރަށް އަޅަން ނިންމާފައިވާ ގުދަންތަކާއި ވެއާހައުސްތައް އެކަނި އެހެން ސަރަހައްދެއްގައި ގާއިމް ކުރާ ނިންމުމަށް ވެސް އެދިވަޑައިގެންފައެވެ. އޭރުން ވެސް ގެދޮރުވެރިކަމަށް ބޮޑު ބިމެއް ލިބޭ ކަމުގައި ފާހަގަ ކުރެއްވިއެވެ.
"ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މޭޔަރުގެ ވިސްނުމުގެ ތަފްސީލްތަކެއް ވެސް ދެއްވިއެވެ. މި ގޮތުން 40،000 ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައިދެވޭނެ ވަރުގެ 200 އެއްހާ ހެކްޓަރުގެ ބިން ގުޅީފަޅުން ހިއްކޭނެ ކަމުގައި މުއިއްޒު ލަފާ ކުރައްވައެވެ.
މުއީޒް މޮޔަނުވޭ ތަރައްގީއެއް ނުހުއްޓުވޭނެ ތާކުންތާކު ނުޖެހޭ ކަންތައް ނުކުރޭ.
ގުޅީފަލަކީ މާލޭގެ ރަށްވެހިން ވަޒަންވެރި ވުމަށް އޮތް ރަށެއް. ގުޅީފަޅުގަ މުދާބާ؛ލާ ބަނދަރު ހަދައިފިނަމަ ކައިރި މުސްތަގްބަލެއްގަ އެ ބަނދަރު އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ. މާލޭގަ ހަދާފައޮތް ބަނދަރު ބަދަލުކުރަން މިޖެހުނީ މާލެ ތޮއްޖެހިގެން ބަނދަރު ބޮޑުކުރަންވެސް ޖާގަ ނެތިގެން. ގުޅީފަޅުގާ މީހުން ދިރިއުޅެންފަސައިފިނަމަ މާލެއްށް އައި ތޮއްޖެހުންނައިސްނުދާނެ. ގުޅީފަޅުގަ ބަނދަރު ތަރައްގީ ކޮށްފަ ވަނިކޮށް އެހެންތަނަކަށް ބަނދަރު ބަދަލުކުރަން ޖެހިއްޖެނަމަ . ބޭކާރު ވެގެންދަ ފައިސާތަކުގެ ޒިންމާ ނަގާނީ އިބްރާިމް މުހަންމަދު ސާލިހް އާއި ނަސީދު ތޯ. ވިދާޅުވެދެއްވަވާ.