ދައުލަތުގެ އެކި މަގާމުތަކުގައި 32 އަހަރު ހިދުމަތް ކުރެއްވި ނަމަވެސް މިހާތަނަށް ކޮރަޕްޝަނާއި ވައްކަމުގެ އެއްވެސް ތުހުމަތެއް ކުރެވިފައިނުވާނެ ކަމަށް ކޮމަންޑޫ ދާއިރާ އަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ނުކުންނަވާ މޫސާ ފަތުހީ ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދިން ކޮމަންޑޫ ދާއިރާގެ ބަހުސްގައި ފަތުހީ ވިދާޅުވީ ކޮރަޕްޝަނަކީ މިހާރު ހުރިހާ ގައުމަކަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ފުދުންތެރިކަމަށް އަސަރު ކުރާ ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރައްވާނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރުމުން ފަތުހީ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިވަގުތު ވެސް ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަން ފާހަގަ ކުރައްވައިފައެވެ.

ފަތުހީ ވިދާޅުވީ ރާއްޖޭގައި އޭސީސީއެއް ނެތް ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ވަޒީރަކު، މިހާރު ކޮމަންޑޫ ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝީދު އަށް ތާއީދު ހޯއްދަވަން ކަމަށް ވިދާޅުވެ، ފަތުހީ ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ފާޑު ވިދާޅުވެފައެވެ.

"ޒީރޯ ޓޮލަރަންސް ކޮރަޕްޝަނަށް ދޭނަމޭ ވިދާޅުވެ އައި ސަރުކާރުގެ ހާލަތު މިއޮތީ ފެންނަން. މިއަދު މި ގައުމުގެ ކޮރަޕަޝަންގެ ހާލަތާ މެދު ވާހަކަދައްކާ އިރު ކޮރަޕްޝަނުގެ ހާލަތު ދަށަށް ދިހަ ގުނަ ދިޔަކަން ނޫސްތައް ބަލާލާ އިރުގައި ފެންނަން އެބައޮތް. މިސަރުކާރު މިހާރު މިއޮތްގޮތަށް އޮވެ ކޮރަޕްޝަން ނައްތާލުމަކީ ވާނެ ކަމެއް ނޫން. ކޮބާތޯ ވެންޓިލޭޓަރުގެ ބިޔަބޮޑު ވައްކަން؟ ކޮބައިތޯ މެޑިކަލް އެބުނާ މާފިޔާ؟ މިކަން ބެލޭތޯ؟ ނުބެލޭނުންތޯ؟ މިއީ ހަގީގަތް!" ފަތުހީ ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ މިކަންކަމާ ދެކޮޅަށް ވާހަކަ ދައްކަވާނެ ކެންޑިޑޭޓަކީ އޭނާ ކަމަށާއި ކުރިޔަށް އޮތް ބައި އިލެކްޝަންގައި ރައްޔިތުން އޭނާ އިންތިހާބު ކުރައްވަން ޖެހެނީ އެސަބަބަށްޓަކައި ކަމަށެވެ.

އަދި މަޖިލިސް މެންބަރުންގެ ނަޒާހަތްތެރިކަމާ ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ފަތުހީ ވިދާޅުވީ ދައުލަތަށް 32 އަހަރު ހިދުމަތް ކުރެއްވި އިރު ކޮރަޕްޝަނާއި ވައްކަމުގެ އެއްވެސް ތުހުމަތެއް ވެސް އޭނާގެ މައްޗަށް ކުރެވިފައިނުވާނެ ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުންނާއި ދޭތެރޭ އެކިކަހަލަ ތުހުމަތުތައް ކުރެވޭ ކަމަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުންނާއި ދޭތެރޭވެސް އެކިކަހަލަ ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރައްވާ ފަތުހީ ވިދާޅުވީ މިކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަކީ މަޖިލީހުގެ މެންބަރެއްގެ ދައުރު ކަމަށެވެ.

ސަރުކާރުގެ މައްޗަށް ފާރަވެރިވުމާއި، އިދާރާތަކުގެ މައްޗަށް ފާރަވެރިވުމާއި، ދައުލަތް ހިނގަނީ ދައުލަތް ހިންގުމަށް އޮންނަ އުސޫލުތަކާއި ސިޔާސަތުތަކާއި އެއްގޮތަށްތޯ ބަލައި އެކަންކަމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތު ކަމަށާއި އެކަން އޭނާ އަދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަޅުގަނޑުގެ ނަފްސަށް ޔަގީންކަން އޮތް މީހެއް. ދައުލަތުގައި 32 އަހަރު ހިދުމަތް ކުރިއިރު މިއަދާ ހަމައަށް މިކަހަލަ ތުހުމަތެއް ނޯންނާނެ. އިންތިހާބީ މަގާމުތައް ވެސް އަދާކުރިން. ސިޔާސީ މަގާމުވެސް އަދާކުރިން. ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ވެސް މަސައްކަތް ކުރިން. ވޮލަންޓިއަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރިން. އެހެންވީމާ އަޅުގަނޑު ވަރަށް ސާބިތުކަމާއެކުގައި މި ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފުށުން އެކަން ފެނުނު ކަމުގައި ވިޔަސް އަޅުގަނޑު ވަކާލާތުކޮށް، އިސްލާހުކުރުމަށް އަޑު އުފުލާނަން ކަމަށް" ފަތުހީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ސަބް

  ސަޅި. ހޮވަންޖެހހޭ ކެންޑިޑޭޓް.

  67
  8
 2. މެޒީ

  ބަލަ ވަށްކަމެއް ކުރިޔަސް ކާކު ބަލަނީ ކަތީބު ތީ

  9
  52
  • އސސް

   ވަގުން ގޮވާނެ ވައްކަމެއް ނުކުރަމޭ އަބަދުވެސް.

   4
   12
 3. ނިޒާރުބެ

  32އަހަރު ހިދުމަތް ކުރިއިރު ރައްޔިތުންނަށް ކޮށްދެވުން އެންމެކަމެއްވެސް ނުބުނެދެވުން 5އަހަރުން ވާނީކޮންކަމެއް

  6
  6
 4. ސެބެއްޅި

  ވައްކަމެއް ހިޔާނާތެއް ނުވެ އޮވެދާނެކަމާމެދު ވަރަށް ޝައްކު ސަބަބކީ އަބަދު ތިއުޅެނީ ރަތްލާޖެހި ވަގުންނާއެކީގަ

  3
  11
  • ވަހުތާން

   ރަތްލާޖެހިވަގެއްކަމަށް ޝަރީއަރުން ސާބިތުވެފައިވަނީ ކެނެރީގޭ ނަޝީދު. އޭނާއާއެކީ އެއްވެސް އިރެއްގާ ފަތުހީ ނޫޅުއްވާ.

 5. ސަމާ

  އުސްތާޛު ފަތުޙީގެ ވާހަފުޅުން ދޭހަވީ ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވާ ކުރިމަތިމަތިލައިގެން އުޅޭ ޖާހިލުންގެ ތަފާތު. މިއީ ފަތުހީ ހޮވަންޖެހޭ ސަބަބު.

  21
  1
 6. ޒިޔާ

  32 އަހަރު ގައި ށ އަތޮޅު މަރޮށީ މީހުނަށް އަތޮޅު ވެރިކަމުގައި ހާދަ ގެއްލުމެއް ދިނޭ

  4
  10
 7. އަލްޖިބްރާ

  ބަލަ ވައްކަމެއްކުރިއަސް ، ކޮރަޕްޝަނެއް ހިންގިއަސް އެކަން ބަލަން ބަޔަކު އުޅުނީމަ އެގޭނީ ކަލޭގެ ހަޤީޤަތްވެސް ! ވާން ތިޔައުޅެނީ ހުޅުޖެހިމީހާއަށް !

  1
  7
 8. ރަޝީދު

  ކަތީބަކަސް ޚަތީބަކަސް ވައްކަމެއް ކޮށްފިއްޔާ ކުދިކުދި ރަށްރަށުގެ އެންމެންނަށް ހެން އެގޭނެ. ވީމާ ފަތުހީ ބުނާ ބަސް ޤަބޫލުނުކުރެވެނީވިއްޔާ އެރަށުމީހުން ކައިރި އަހާލުން އެއީ ރަގަޅު ކަމެއް.

  10
  1
 9. ހުއްބުލް ވަތަން

  ފުރަތަމަކަމަކަށް "ވަގު ޕާޓީއިން" ތި ނުކުތީވެސް. ފެށުންވެސް ގޯސް

  3
  10
 10. ހުޝާމް

  ފްލެޓް ހަދަން ނެގި ލާރި ކޮބާ. މީހުންނަށް ކިހާ ބޮޑު ލަނޑެއް ދިނީ.
  ތެދުވެރިކަން ދެއްތޯ؟

  1
  5
 11. ގާދިރު

  އޮރިޔާން ނުވަނީސް މައިތިރިވޭ

  2
  7
 12. ހުސޭނުބެ

  ވަރަށް ބޮޑުވަރެއް ތިވީ ހިތުން ދޯ

  1
  6