ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރައްވައިފިއެވެ.

ޝަމީމް މިއަދު ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު އިތުރަށް ގޯސްވަމުން ދިޔުމާއި ގުޅިގެން އެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ދެ ބަޔަކަށް ބެހުމަށް ފަހުގައި ކޮންމެ ހަފުތާއަކުވެސް ވަކި ގުރޫޕަކުން މަސައްކަތް ކުރާ ގޮތަށް އެއޮފީހުގެ މަސައްކަތްތައް ތަރުތީބުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިގޮތުން މިކަމުގެ ސަބަބުން ޕީޖީ އޮފީހުން ރައްޔިތުން ލިބިގަންނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ހުރެދާނެ ކަމަށް ވެސް ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ވަޒީފާގެ ކުރިން އަންނާނީ ސިއްހަތް ކަމަށާއި އަދި ވަޒީފާ އަންނާނީ އެއަށް ފަހުގައި ކަމަށް ވެސް އޭނާ މިއަދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދުތައް 2000 އިން މަތީގައި ހުރިއިރު މިހާރު ފެތުރެމުން މިދަނީ އާ ވޭރިއަންޓް، އޮމިކްރޮން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ލަފާ ކުރެއެވެ.

ރާއްޖޭގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16،666 އަށްވުރެވެސް މައްޗަށް އަރާފައެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 57 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.