ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުން ހުރި ފަސް މުއައްސަސާގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކުރިއިރު، ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި ތާވަލު ކުރެވޭ ގޮތާއި އެ ގޮތުގެ މަތިން މައްސަލަ ނުދާ މައްސަލައެވެ.

މިއަދުގެ ބައްދަލުވުމުގައި ފަސް މުއައްސަސާއެއް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

އެ ފަސް މުއައްސަސާއަކީ، ފުލުހުންނާއި، ޕޮލިސް ބޯޑްއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ، ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެ މުއައްސަސާތަކަށް ސިޓީ މެދުވެރިކޮށް އެ ކަން އެންގޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މި ވަގުތު އޮތީ ޗުއްޓީއަށް ގޮހެވެ. ޖުޑިޝަރީ ކޮމިޓީގެ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ ޗުއްޓީގައި މަޖިލިސް އޮއްވައެވެ. މަޖިލިސް ހުޅުވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށް، މިފަދަ ބައްދަލުވުމެއް ކޮމިޓީން ތާވަލުކޮށްފައި މި ވަނީ ބައެއް މަރުތަކުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ދަނޑިވަޅެއްގައެވެ. މި ގޮތުން ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ކަން ހިނގި ގޮތް މިއަދުގެ ކޮމިޓީގައި ބައެއް މެންބަރުން ވެސް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ބޮޑު ފަޑިޔާރު އިންތި ރިޔާސަތު ބަލާ ކޮމޮޓީންވެސް ކޮންމެސް ކަމެއް ކުރަންވާނެތާ އިންތި އެއީ ބޮޑު ފަޑިޔާރު ވިއްޔާ !

  2. ލލ

    މަޖިލިހުން މިވަނީ ޤާނޫނު އަސާސީގެ ބާރު ކަޑުވާލާފައި މަޖިލިސް ޑިކްޓޭޓަރަކަށް ވެފައި ، !