ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ސެންޓް އާދަމް މަނިކު ކޮވިޑް-19 އަށް ފައްސިވުމުން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އާދަމް މަނިކު ނިޔާވީ ކޮވިޑް ޖެހި ހާލުކޮޅު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ސެންޓު އާދަމް މަނިކަކީ ފެން ސަޕްލައި ކުރުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ތުލުސްދޫގައި ގެސްޓްހައުސް ވިޔަފާރިވެސް ހިންގަމުން ގެންދެއެވެ. އޭނާ އަކީ ދަރުމައަށް ވެސް ގިނަ އެހީތަކެއް އެހި ފަރާތްތަކަށް ވެދެއްވަމުން ގެންދެވި ބޭފުޅެކެވެ.

ކޮވިޑްގައި މިއަދު މީހަކު ނިޔާވިކަން އަދި އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ.

އާދަމް މަނިކު ކޮވިޑްގައި ނިޔާވުމުން މިމަހު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 273 އަށް އަރާފައެވެ.

އިއްޔެ ކޮވިޑް ޖެހުނު މީހުންނާއިއެކު މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 16673 އަށް އަރައެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 57 މީހަކަށް ފަރުވާ ދެމުން ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކެނެރީގޭ ބޮޑުވަޒީރުގެ ބަސްފުޅާ އެއްގޮތަށް ސަރުކާރުން ދަނީ ހުރިހާ ރަށަކަށް ކޮވިޑު ފަތުރަމުން

    6
    1
  2. ކިއްކުރާނީ

    ނޫސްތަކުން ދެން ޖެހޭނީ ކޮވިޑު ވަބާގައި ނިޔާވި މީހުންގެ އަދަދުތައް ބަލަހައްޓާ އިއުލާންކުރަން. އެޗުޕިއޭއާ ސަރުކާރުން ކޮވިޑު ދޫކޮށްލައިފި. ތާރީހައްޓަކައިވެސް ވަގުތުނޫހުން މި ޒިންމާ އަދާކޮށްދެއްވުމަށް ދަންނަވަން.