ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިވަގުތު ލައިވް ކުރެވެން ނެތީ އިދާރީ ބައެއް ދަތިތަކާއި ވަސީލަތްތައް ހުރި ގޮތުން ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެހެންވެ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ މައްސަލަ ލައިވްކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި މި މައްސަލައަކީ "ޕަބްލިކް އިންޓަރެސްޓް" އޮތް މައްސަލައަކަށް ވާތީ އަޑުއެހުންތައް ކުރިއަށް ގެންދަން ބޭނުންވަނީ އާންމުންނަށް ފެންނަ ގޮތަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ވަގުތުން ޓީވީން ދުރަށް ދެއްކުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އެދިވަޑައިގެންނެވި އިރު، ދައުލަތުން އެކަމަށް އެއްވެސް އިއުތިރާޒެއް ކުރައްވާފައެއް ނުވެއެވެ. އެކަމަކު ޝަރީއަތް ޓީވީން ދެއްކުމަށް ޔާމީންއާއެކު އެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ މެމްބަރު ޔޫސުފް ނައީމް ދެކޮޅެވެ.

އެންމެ ފަހުން އޮތް އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގަތުމުން ޝަކީލް އެ ދުވަހު ވިދާޅުވީ ޝަރީއަތް ލައިވް ކުރުމާ މެދުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ބޭއްވޭކަން ކަށަވަރު ކުރަން ޝަރީއަތް ލައިވް ކުރުން މުހިންމު ކަމަށެވެ. އެހެންވެ ދައުވާ އިއްވުން ކުރިއަށް ނުގެންގޮސް، ލައިވް ކުރެވެންދެން ޝަރީއަތް ކުރިއަށްގެންދިޔުން މެދުކަނޑާލަން އޭނާ އެދިވަޑައިގަތެވެ. އެކަމަކު، ޝަކީލް އެކަމަށް އެއްބަސްވެވަޑައިނުގަންނަވައެވެ.

ޖަމީލްގެ އިޖުރާއީ ނުކުތާ އަށް ޖަވާބު ދެއްވަމުން ޝަކީލް ވިދާޅުވީ މިވަގުތު އިދާރީ ދަތިތަކެއް ހުރުމުންނާއި ކޯޓުުގެ ވަސީލަތްތައް ހުރި ގޮތުން ޝަރީއަތް ލައިވް ކުރެވޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ފުރުސަތެއް އޮތް ނަމަ، ލައިވް ކުރަން ޖާގަ ދެއްވާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ މިހާރު ބާއްވަމުން އަންނަ ޝަރީއަތްތަކަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާ ޝަރީއަތްތަކެއް ކަމަށެވެ. އެހެންވެ، އާންމުންނަށް އަޑުއެހުންތަކަށް ވަނުމަށް ހުރަހެއް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޖަމީލް ވަނީ "ކޮވިޑް ނިމެންދެން" ޔާމީންގެ ޝަރީއަތް ވެސް މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން މަޑުޖައްސާލީ މި ސަބަބާ ހުރެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ވަކީލަކަށް ކޯޓަށް ވަޑައިނުގެންނެވުނީ ބަލިވެ އުޅުއްވާތީ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެ ބޭފުޅުން ބަލިވެ އުޅުއްވާތީ މައްސަލަ ދިރާސާ ކުރުމަށާއި ގާނޫނީ މަސައްކަތް ކުރުމުގައި ދަތިތަކާ ދިމާވާ ކަން ޖަމީލްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލާ މަރިޔަމް ޝާމާ ނަސީރު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކޮށް އެ މައްސަލަ ދިރާސާ ކުރަން އެކަށީީގެންވާ މުއްދަތެއް ދިފާއުއަށް ޝަރީއަތުން މިހާރު ދީފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބައެއް ވަކީލުން ވެސް ޗުއްޓީގަ އާއި، ބަލިވެ އުޅޭ އިރު، އެއީ މައްސަލަ ލަސް ކުރުމަށް އޮތް އުޒުރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލު ވިދާޅުވީ މިއަދުގެ އަޑުއެހުން ދެ ހަފްތާ ކުރިން ތާވަލްކުރެވިފައިވާ އިރު ބަލިކޮށް އުޅޭ ދިފާއީ ވަކީލުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިން ނަމަވެސް އެބޭފުޅުންގެ އިންޓަނެޓް ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މަޑުޖައްސާލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު މައްސަލަ ޝެޑިއުލް ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އެ މައްސަލައެއް ބައްލަވާ ގާޒީއަށް ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ވަކި މައްސަލައަކަށްވާތީ ވަކި ބޭފުޅަކާ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ވެސް އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދަވާ ކަމަށް ވިދާޅުވިއެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ފެށިއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.

އާރަށުގެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ދައުލަތުން ކުރެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ހިނގަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސަބް

  އާދައިގެ ކުންފުނިތަކުގައިވެސް ލައިވްކުރެވޭ ފެންވަރުގެ ސާމާނުހުރޭ.
  މިހާރުވެސް އޮޑިޓޭއްހަދާބަލަ ! ބިލިއަނުން އޮންނާނެ ޝަރީއަތް ލައިވްކުރުމަށާއި ވީޑިއޯ ކޮންފަރެންސންއަށް ޚަރަދުކޮށްފައި.

  36
  • ހުސޭނުބޭ

   ނުލާހިކު ފަޤީރު ޖުޑިޝަރީ ނިޒާމެއް އޮންނަނީ. ސޯމާލިޔާއަށް ވުރެވެސް ފަޤީރު.... ކެކެކެކެކެ

   12
 2. ސަންފައްތަ

  މިހާރު ލައިވް ނުކުރެވޭނެ. އެއީ ކުރިން ޔާމީންގެ މައްސަލަ ލައިވް ކޮށްގެން އޮތީ ބުޅާ ގޯނިން ބޭރުވެފައި.

  43
 3. ޙަނދުކޭތަ

  ލައިވް ކޮއްފިއްޔާ ދައުލަތާ ގާޒީ އޮރިޔާންވުންނޫން ކަމެއްނުވާނެ ވިއްޔަ ލޮލް

  43
  1
 4. ލުޓޭރުންގެ ސަރުކާރު

  ކޮބާ ވޮޑެމުލާގެ މައްސަލަ ލައި ވްކުރި ސާމާނު..ކަނޑުފައްތާލީތަ....ﷲއަށް އީމާން ވާ ފަޑިޔާރުން މިގައުމުގެ އަދުލުއިންސާފަށް ޝަރީއަތްކުރާނަމަދޯ ﷲއަށް ބިރު ވެތި ވެ ހައްގުބަސްބުނާނީ....

  16
 5. ދަންބެރު

  މީގެކުރިން ފަޔަށް ހިނިއަރައިގެން ވަސީލަތްތަށް މެކުހަށްހުރީ މިހާރު ހުރީ ވާސީލާ ކޮންފަދަ ނާގާބިލް ސަރުކާރެއްމީ.

  17
 6. ކެޔޮޅު

  މިހާރު ލައިވުކުރާނެ ވަސީލަތެއް ނުހުންނާނެ ހުރިހާރަށްޔަތުންނަށް އެނގޭ ދައުލަތަކީ ކަރަޕުޓުދައުލަތެއްކަން ހުރިހާގާޒީންވެސް އެކަންގަބޫލުކުރޭ އެހެންވެ ބިރުގަންނަނީ މިހާރުދައުލަތް ވަނީ އޮރިޔާންވެފަ.

  14
 7. އަހްމަދު

  ސަކީލުގެވާހަކައިން އެނގުނީ ކޯޓުގަހުރިސާމާނުތައްހިފައިގެން ޢަލީރަޝީދު ސްޕްރިމްކޯޓައް ދިޔައީކަން ކޯޓުތަކުގެބަޖެޓް ކާކުބާހިފާއްޓައިގެން މިއުޅެނީ

  14
 8. ޑައެލޯގް

  ކުރިން ކޮމަންޑޫއަށްވެސް ޚަރަދުކުރާނެ ފައިސާއެއްނެތެވެ. އެކަމު އިންތިހާބުޖެހުމުން ފައިސާ އޮހެނީ ކޮމަންޑުއަށެވެ. ޔާމީނުގެ ކުރީގެ ސަރީއަތް ލައިވްކުރީދައުލަތުންބޭނުންވީމައެވެ. މިހާރު އެކަން އަތަށްގޮވައި އިތުރަށް ބޭޒާރުވާނޭކަންޔަގީންވީމަ ލައިްވނުކުރަނީއެވެ. ޒީރޯޓޮލަރެންސް

  18
 9. ޙިންނައިބްރޭ

  ސޯޓް ބޭލެނީތަ ...ކުރިންވެސް އޮތީ އަތަށް ގޮވާފަ

 10. މުތް

  މިހާރު ވަސީލަތްނެތީ މައްސަލައަށް ނުފޫޒުފޯރުވަން އަމުރުކޮބަ ރޯދަމަސްއަންނަނީ

 11. ބަބުޅާ

  ދެން އަވަހަށް ބުރުންޑީން ލައިވުކުރާނެ ސާމާނު ގެނޭ މިގައުމު ބުރުންޑީ އަށްވުރެވެސް ފަގީރު ބުރުންޑީ 1 ވަނަ ރާއްޖެ 2 ވަނަ.

 12. Anonymous

  ޔާމީން ލަދުގަންނުވާލައި ވަގަކަށް ހަދައި ޖަލަށ ކޮށްޕައިލަން ލައިވްކޮށް ގެންދިޔަ ޝަރީއަތް ޔާމީންގެމައްޗަށް ސާބިތުނުވާނެކަމަށް ބެލުންތެރިންނަށްވެސް އެނގި އަތަށް ގޮވީމަ މިފަހަރު ލައިވްނުކުރަނީ ޢޭރުންދެން ރައްޔިތުންނަށް ވާނުވާ ނާންގައި ބޭނުންއެއްޗެއްހަދާލެވޭނެ. ލައިވްނުކުރަނީ މިހެންވެ.