ހދ. ކުޅުދުއްފުށި ސިޓީން އިއްޔެ އެކަނި 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އަލަށް ފައްސިވި މީހުންނާއި އެކު މިވަގުތު ކުޅުދުއްފުށީގެ ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 196 އަށް އަރާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑްގެ ވޭދަނަތައް ވަނީ އިތުރުވާން ފަށައިފައެވެ.

އެ މުއްދަތުން ފެށިގެން މިހާތަނަށް އެރަށުން 400 އަށްވުނެ ގިނަ ކޮވިޑް ވޭދަނަ ވަނީ ފެނިފައެވެ.

މިހާތަނަށް ކޮވިޑުން ރަނގަޅުވެފައިވާ މީހުން އަދަދު އުޅެނީ 200 ގައިއެވެ. އެކި ފަހަރުމަތިން ކޮވިޑްގެ ވޭދަނަތައް އިތުރުވެ ކުޅުދުއްފުށި ވަނީ މޮނީޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

އެ ސިޓީން ފައްސިވާ މީހުން ތެރެއިން ގިނަ މީހުންނަކީ ރަށުގެ ތެރެއިން ފައްސިވާ މީހުންނެވެ. އެއީ ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން 95 މީހުންނާއި ބަލިޖެހިފައިވާ މީހުންނާއި ދިމާވެގެން ކޮވިޑަށް ފައްސިވެފައިވާ 79 މީހަކާއި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން 21 މީހެކެވެ.